މިއަހަރުގެ އެންމެ ރީތި އެއް ތާރީހުތަކުގެ ތެރެއިން މާދަމާ 30 އަށް ވުރެ ގިނަ ކައިވެނި ކުރާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.

މާދަމާ ގިނަ ބަޔަކު މާލޭގެ އިތުރުން ރަށްރަށުގައި ކައިވެނި ކުރެވޭނެ ކަމަށް ބެލެވޭއިރު، ރަށްރަށުގައި ކުރަނީ ކިތައް ކައިވެންޏެއް ކަމެއް ނޭނގެއެވެ.

ފެމިލީ ކޯޓުން މިއަދު ކުރި ޓްވީޓެއްގައި ބުނީ އެ ކޯޓުން މާދަން 39 ކައިވެންޏެއް ކޮށްދޭއިރު، އޭގެ ތެރެއިން 28 ކައިވެންޏެއް ކޮށްދެނީ ކޯޓުގައި ކަމަށާއި، ބާކީ ކައިވެނިތައް ކޮށްދެނީ ކޯޓުން ބޭރުގައި ކަމަށެވެ.

މާދަމައަށް ފަހު ދެން އަންނާނެ އެންމެ ރީތި ތާރީހަކީ މިމަހުގެ 22 ވަނަ ދުވަހެވެ. ލަފާކުރެވޭ ގޮތުގައި އެ ދުވަހު ގިނަ ބަޔަކު ކައިވެނި ކުރާނެ ކަމަށް ބެލެވެއެވެ.

މިދިޔަ މަހުގެ 21 ގައި މާލޭގައި އެކަނިވެސް 57 ކައިވެނި ކޮށްފައިވާއިރު، އެއީ ރެކޯޑު އަދަދެކެވެ.