ކޮވިޑް 19 ހަލުވި ކަމާއެކު މާލެއާއި ރަށްރަށުގައި ފެތުރެމުން އަންނައިރު ދުވަހެއް ދުވަހަކަށް މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައް ވަނީ އިތުރުވެފައެވެ.

މިއަދު ހދ. ވައިކަރަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު މިހާތަނަށް 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިދިޔަ ޑިސެންބަރު މަހު މޮނިޓަރިންގެ ހާލަށް ގެނައި ކ. މާފުއްޓާއި ހއ. އިހަވަންދޫ އަދިވެސް އޮތީ އެ ލިސްޓްގައެވެ. އިހަވަންދޫއިން 62 މީހަކު މިވަގުތުވެސް ކޮވިޑް ޖެހިފައިވާއިރު މާފުށީގައި ކޮވިޑް ފެތުރި އެ ރަށުގައި ހުންނަ ޖަލުން ގައިދީއިންނާއި އޮފިސަރުން ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެ ޖަލު ކުއްލި ހާލަތަށް ގެނެސްފައިވާއިރު ގައިދީއިންނާއި އޮފިސަރުން ހިމެނޭހެން މިވަގުތު ކޮވިޑް ޖެހިފާ ތިބި މީހުންގެ އަދަދު ވަނީ 156 އަރާފައެވެ.

މިދިޔަ ޖެނުއަރީ މޮނިޓަރިންނަށް ލާފައިވާ ރަށްތަކުގެ ތެރޭގައި ހދ. ނޮޅިވަރަމްފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ، ލ. ގަން، ގދ. ގައްދޫ، ރ. އުނގޫފާރު، ހދ. ހަނިމާދޫ، ކ. ގުރައިދޫ އަދި ބ. އޭދަފުށި ހިމެނެއެވެ.

މީގެ އިތުރުން ހއ. ދިއްދޫ، ތ. ގުރައިދޫ، ބ. ގޮއިދޫ، ޅ. ކުރެންދޫ، ކުޅުދުއްފުށި ސިޓީ، ލ. ދަނބިދޫ، ލ. ހިތަދޫ، ށ. ކަނޑިތީމު، ވ. ކެޔޮދޫ، ނ. ކުޑަފަރި، ގދ. ތިނަދޫ، ގދ. މަޑަވެލީގެ އިތުރުން އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ދ. ހުޅުދެލި، ގދ. ވާދޫ، ށ. މިލަންދޫ، ގއ. ކޮލަމާފުށި، ނ. މާޅެންދޫ، ބ.ކެންދޫ، ރ. ކިނޮޅަސް، ބ. ތުޅާދޫ އަދި މިއަދު މޮނިޓަރިންއަށް ގެނައި ރ. އިނގުރައިދޫ ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ.

35 ރަށް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު ފާހަގަކޮށްލެވޭ ކަމަކީ ގިނަ އަދަދެއްގެ ރައްޔިތުން ފަރުވާ ހޯދުމަށްދާ އަތޮޅު ނުވަތަ ރީޖަނަލް ހޮސްޕިޓަލް ހުންނަ ގިނަ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ހދ. ކުޅުދުއްފުށި، ހއ. ދިއްދޫ، ގދ. ތިނަދޫ، ރ. އުނގޫފާރު، ބ. އޭދަފުށި، ށ. ފުނަދޫ، ލ. ގަން، އދ. މަހިބަދޫ އަދި ދ. ކުޑަހުވަދޫ މި ލިސްޓުގައި ހިމެނެއެވެ.

މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ އަދަދު 35 އަށް އަރައިފާވީ ނަމަވެސް ހަލުވި ކަމާއެކު ކޮވިޑް ފެތުރި ސްކޫލްތައް ބަންދުކޮށް ކިޔަވަދޭނެ ޓީޗަރެއް ނެތް ރަށްރަށްވެސް މޮނިޓަރިންގެ ހާލަތަށް ނުގެނެސް އަދި އެބައޮތެވެ.