ކޯޓުތަކުން ކުރާ ޝަރީއަތްތަކަކީ އިންސާފުވެރިކަމާއެކު ކުރެވޭ ޝަރީއަތްތަކެއް ކަމަށް ވާން ޖެހުނު ނަމަވެސް، ފެންނަމުން ދަނީ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ މަންޒަރު ކަމަށް، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްސަލަތަކުގައި ތަފާތުކުރުންތައް ހުރި ކަމަށް ވިދާޅުވެ ޖުޑީޝަރީ ކޮމިޓީއަށް މައްސަލަ ހުށަހަޅުއްވައި ޝިޔާމް ވިދާޅުވީ، ވ. އާރަށުގެ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އަޑުއެހުމުގައި އެކުލަވާލި ތާވަލަށް ބަދަލުތައް ގެނެސް، އަންނަ ޖޫން 30 ގައި ހުކުމްކުރާ ގޮތަށް ނިންމާފައިވަނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.

ޔާމީނަށް ހުކުމްކުރުން އަވަސްކޮށްފައިވީ ނަމަވެސް، އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ދައުވާ އުފުލިފައިވާ މަހްލޫފްގެ ޝަރީއަތް ކޮވިޑާ ގުޅިގެން ކްރިމިނަލް ކޯޓުން ފަސްކުރިކަންވެސް ޝިޔާމް ފާހަގަ ކުރެއްވިއެވެ.

"ކޯޓުތަކުން ކުރާ ޝަރީއަތަކީ ހުރިހާ ފަރާތްތަކަކަށްވެސް އަދުލުވެރިކަމާއި އިންސާފުވެރި ކަމާއެކު ކުރެވޭ ޝަރީއަތްތަކަކަށް ވާން ޖެހޭ. ނަމަވެސް މިހާރު ފެނިގެން މި ދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނާ، ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ، ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުން ދާ ތަން." ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވައި ޝިޔާމް ފޮނުއްވި ސިޓީގައި ވެއެވެ.

އެހެންކަމުން، ޔާމީނާއި މަހްލޫފްގެ މައްސަލަތަކުގައި ތަފާތުކުރުންތައް އެބަހުރި ކަމަށާއި، ޖުޑީޝަރީ ކޮމިޓީން އެ މައްސަލަ ބަލައިދިނުމަށް ޝިޔާމް ވަނީ އެދިވަޑައިގެންފައެވެ.

ރ. ފުއްގިރިއާއި ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި ލޯންޑާކުރި މައްސަލާގައި ޔާމީންގެ މައްޗަށް ޖުމްލަ ހަތަރު ދައުވާއެއް އުފުލާފައިވެއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި އޭނާ ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު އެސްއީޒެޑު ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބީއެމްއެލްގެ އެކައުންޓަށް އޭގެ ފަސް ދުވަސް ފަހުން ޖަމާކޮށްފައި ވާތީއެވެ.