މައި އެއާޕޯޓުން ވައިގެ މަގުން އަތޮޅުތެރެއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހުއްޓުވާ އޭނާ ހައްޔަރު ކޮށްފިއެވެ.

މިއަދު ހަވީރު އެ ހާދިސާ ހިނގިއިރު އެ ސަރަހައްދުގައި ހުރި މީހަކު ބުނީ މަސްތުވާތަކެތި ގެންގުޅުނު މީހާ ހުއްޓުވަން މަސައްކަތް ކުރުމުން ފިލަން އުޅެފައިވާ ކަަމަށެވެ. އަދި ކުލަ ހެދުމުގައި ތިބި ފުލުހުން އޭނާ ހިފަހައްޓާ ހައްޔަރުކޮށްފައި ވަނީ ސީޕްލޭން ކައުންޓަރުތައް ކައިރީ ހުންނަ "ދޮވެމި" ފިހާރަ ކުރިމަތިން ކަހަލަ ގޮތަކަށް ކަމަށް އެމީހާ ބުނެއެވެ.

އެމީހާ ހައްޔަރު ކުރި މަންޒަރު ފެންނަ ވީޑިއޯއާއި ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ވައިރަލް ވެފައެވެ. އޭނާ ހައްޔަރު ކުރުމަށް ފަހު ފަހަތަށް ބިޑި އަޅުއިގެން ގެންދާ މަންޒަރު އެ ފޮޓޯތަކުން ފެނެއެވެ. އަދި އެމީހާ ހައްޔަރު ކުރިއިރު އެ ސަރަހައްދުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް އެޅިފައިވާ މަންޒަރު ވެސް ފެނެއެވެ.

އެ މަންޒަރު ދުށް މީހުން ބުނީ އޭނާ ގެންގުޅުނު ޕެކެޓް އޭނާ ފިލަން އުޅުމުގެ ތެރޭގައި ފަޅައިގެން ދިޔައީ ކަމަށެވެ.

މިކަމާ ގުޅޭ ގޮތުން އަދި ފުލުހުން ވަކި ޖަވާބެއް ދީފައި ނުވާއިރު، މަސްތިވާތަކެތި ވިޔަފާރި ކުރުމާއި އެތެރެ ކުރުމާއި މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން އެކި ދުވަސްވަރު އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ. މި ފަދަ އޮޕަރޭޝަންތައް ހިންގާ އިރު ފުލުހުން ބޭނުންވީމައި ނޫނީ މީޑިއާތަކަށް މައުލޫމާތު ހިއްސާއެއް ނުކުރެއެވެ.