ތުރުކީ އާއި ރާއްޖޭއަށް ލާބައާއި މަންފާ ލިބޭ ކަންކަމުގައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ތުރުކީގެ ފޮރިން މިނިސްޓަރު މެވްލޫތު ޝަވްޝަގްލޫ ދެއްވައިފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ވަޑައިގެން ހުންނެވި ތުރުކީގެ ފޮރިން މިނިސްޓަރު ރައީސް ސޯލިހުއާ ބައްދަލުކުރެއްވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު އާއި ތުރުކީގެ ފޮރިން މިނިސްޓަރު ވަނީ ދެ ގައުމުން ވެސް ޝައުގުވެރިވާ ދާއިރާތަކުން އަދި ދެ ގައުމަށް ވެސް ލާބައާއި މަންފާ ލިބޭ ކަންކަމުގައި ކުރިޔަށް އޮތް ދުވަސްތަކުގައި ގުޅިގެން އެކުގައި މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސް ސޯލިހު ވަނީ ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރަކީ 2 ގައުމުގެ ދެމެދުގައި އޮންނަ ގުޅުން ބަދަހި ކުރުމަށް ދޭ މުހިންމުކަން ރަމްޒުކޮށްދޭ ކަމަށް ވިދާޅުވެފައެވެ. އަދި މި ގުޅުން އިތުރަށް ‌‏ބަދަހިކުރެއްވުމަށް ދެ ގައުމުންވެސް ޝައުގުވެރިވާ ދާއިރާތަކުން ކުރެވިދާނެ ކަންތައްތަކަށް އަލިއަޅުއްވައިލައްވާ ވަނީ ވާހަކަފުަލު ދައްކަވާފައެވެ. އޭގެ ތެރޭގައި ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގޮތުން ގުޅުން ބަދަހިކުރުމާއި ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ފަތުރުވެރިކަން ވަރުގަދަކުރުމާއި މަސްވެރިކަމުގެ ދާއިރާ ތަރައްގީކުރުމާއި އުމްރާނީ ތަރައްގީއާއި މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މީގެ އިތުރުން ވެސް ޓެރަރިޒަމް ހުއްޓުވުމަށް މަސައްކަތްކުރުމާއި އަނިޔާވެރިކަމާއި ހައްދުފަހަނަ އަޅާ ދިޔުމާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ރައީސް ސޯލިހު ވަނީ ކޮވިޑް ދިފާއުވުމަށް ހިންގާ ވެކްސިން ކެމްޕެއިނަށް ތުރުކީގެ ސަރުކާރުން ހަދިޔާކުރަން ނިންމާފައިވާ 20،000 ޑޯޒުގެ ސިނޮވެކް ވެކްސިން ޝިޕްމަންޓް ދެވާނެކަން ފާހަގަ ކުރައްވާ އެކަމަށްޓަކައި ތުރުކީގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.