ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން އޮންލައިން ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެސްކޫލުން ބުނީ ގްރޭޑް 10 ފިޔަވައި އެހެން ހުރިހާ ގްރޭޑަކަށް ކިޔެވުން ދެން ކުރިއަށް ދާނީ އޮންލައިންކޮށް ކަމަށެވެ. އޮންލައިންކޮށް ކިޔެވުން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދެ ހަފްތާގެ މުއްދަތަކަށް ކަމަށް އެސްކޫލުން ބުނެއެވެ. އަދި އެއަށްފަހު ހާލަތަށް ރިއާޔަތްކޮށް ނިންމުން ބަދަލުވުން އެކަށީގެންވާ ކަމަށް ވެސް ސްކޫލުން ވަނީ ބުނެފައެވެ.
މީގެ އިތުރުން ގްރޭޑް 10ގެ ކްލާހެއްގެ ދަރިވަރަކު ޕޮޒިޓިވް ވެއްޖެނަމަ އެ ކްލާހެއްގެ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް ވެސް ސްކޫލުން ބުނެއެވެ.
އެސްކޫލުން ބުނީ ގްރޭޑު 10ގެ ދަރިވަރުންގެ ތެރެއިން މިވަގުތު ޕޮޒިޓިވްވެފައި ނުވަތަ ކަރަންޓީނުގައި ތިބި ދަރިވަރުންނަށް ކިޔެވުން ކުރިއަށްދާނީ އޮންލައިންކޮށް ކަމަށެވެ.
މި ދުވަސްވަރު ކޭސްތައް މިހާ މަތިން ރިޕޯޓް ކުރަމުން އައި ނަމަވެސް ސަރުކާރުން ސްކޫލްތައް ބަންދު ކުރަން ވިސްނާފައި ނުވާ ކަމަށް ވަނީ ބުނެފައެވެ. ހާއްސަކޮށް ބައިބޯވެފައިވާ މާލެ ސަރަހައްދުގައި ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ މި ވަގުތު ބެލެނިވެރިން ކަންބޮޑުވާ މައްސަލައެއް ކަމުގައި ވިޔަސް އަދި އެފަދަ ފިޔަވަޅެއް އަޅާނެ ކަމުގެ އިޝާރާތެއް ވެސް ސަރުކާރުން ދީފައެއް ނުވެއެވެ.