ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މިދިޔަ ޑިސެމްބަރު މަހު އަތުލައިގެން 119 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ފުލުހުން ހިނގާ ތަހުގީގު ކުރުމުގެ މުއްދަތު އަނެއްކާވެސް ޕީޖީން އިތުރު ކޮށްދީފިއެވެ.
މިއީ މާލެއިން ޑިސެމްބަރު މަހު ހިފެއްޓި ޓެކްސީއަކުން ފުލުހުން އަތުލި މަސްތުވާތަކެތީގެ އިތުރުން އަމިއްލަ ކާރަކާއި ސައިކަލެއް ހިފެހެއްޓައި ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެވެ. އެއީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި 'ބަންގާ' ނަމަކަށް ކިޔާ ލޯންޗަކުން މާލެއަށް ގެނައި މަސްތުވާތަކެތި ކަމަށް ފުލުހުން ބުނެއެވެ.
މިއީ ކުރިން ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ދައުވާ ކުރި ގދ. ހޯނޑެއްދޫ، އަލޯރާ އަރުޝަދު ހާލިދު އިސްވެ ހިންގާ ޑްރަގް ނެޓްވޯކުން އެތެރެ ކުރި އެއްޗެހި ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.
މި މައްސަލައިގައި ބަންދު ކުރި މީހުންގެ ކޯޓު އަމުރުތަކުން އެނގޭ ގޮތުގައި، ބަންދުކޮށްގެން ތަހުގީގު ކުރުމަށް އޮންނަ 30 ދުވަހުގެ މުއްދަތު 11 ޖެނުއަރީގައި ހަމަވާތީ އެންމެ ފުރަތަމަ ޖެހީ 15 ދުވަހެވެ. އެ މުއްދަތު 26 ޖެނުއަރީގައި ހަމަވާތީ އިތުރު 15 ދުވަސް މިހާރު ވަނީ ދީފަ އެވެ. ދެން ތަހުގީގުގެ މުއްދަތު ހަމަވާނީ 10 ފެބްރުއަރީ ގައެވެ.
ހައްޔަރު ކުރާ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް މުއްދަތު އިތުރު ކުރެވޭނީ 30 ދުވަހަށެވެ. އެހެންކަމުން ތަހުގީގު މުއްދަތު އިތުރު ކުރަމަށް މި މައްސަލައިގައި މިފަހަރު އިތުރު ކުރި 15 ދުވަހާ އެކު މި ވަނީ 30 ދުވަހުގެ މުއްދަތު ދެވިފައެވެ.
މި މައްސަލައިގެ ތުހުމަތު ކުރެވޭ ފަސް މީހަކު ތިބި ނަމަވެސް، ފުލުހުން ހައްޔަރު ކުރީ ތިން މީހުންނެވެ. އެއީ ގދ. ހޯޑެއްދޫ، އަލޯރާ، އުމުރުން 29 އަހަރުގެ އަހްމަދު މުޖާހިދު އާއި ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ އުމުރުން 52 އަހަރުގެ އަލީ ޒުބައިރު އާއި، ގދ. ހޯޑެއްދޫ، އިރުމަތީގެ، އުމރުން 25 އަހަރުގެ އަހްމަދު ސުނައިނެވެ.
ނަމަވެސް މި މައްސަލއިގައި ތުހުމަތު ކުރެވޭ އެންމެ އިސްކޮށް ހަރަކާތްތެރިވި، ގދ. ހޯނޑެއްދޫ، އަލޯރާ، އުމުރުން 26 އަހަރުގެ އަރުޝަދު ހާލިދާއި، ގދ. ހޯޑެއްދޫ، ދޯދި، އުމުރުން 31 އަހަރުގެ މުހައްމަދު އަކްރަމް އަބްދުލްހަންނާން ފުލުހުން ހައްޔަރެއް ނުކުރެއެވެ.
މި މައްސަލައިގައި ހައްޔަރު ކުރި މުޖާހިދަކީ އަރުޝަދުގެ ބޭބެއެވެ. ފުލުހުން ބުނާ ގޮތުގައި މި ޑްރަގަކީ އަރުޝަދު އިސްވެ ހުރެ އޭނާގެ އިރުޝާދުގެ ދަށުން އެތެރެ ކުރި ތަކެއްޗެވެ. އަދި ހައްޔަރު ކުރި ތިން މީހުން ވެސް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެފައިވާ ކަމަށް ބުނެއެވެ.