ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކަމާއެކު ލިބޭނެ ފުރުސަތެއް ހޯދައިދިނުމަށްޓަކައި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ފެއްޓެވި ސޯޝަލް މީޑިއާ ކެމްޕެއިނަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާއިން ތާއީދުކުރާ ކަން ހާމަކޮށްފިއެވެ.
އެކަން ހާމަކުރައްވައި ޑަބްލިއުއެޗްއޯގެ ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ކުރެއްވި ޓްވީޓެއްގައި ވަނީ، ދުނިޔޭގެ ގައުމުތަކަށް ހަމަހަމަކޮށް ވެކްސިން ލިބޭނެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ޝާހިދު ފެއްޓެވި ކެމްޕެއިނަށް މަރުހަބާ ދަންނަވާފައެވެ. އަދި އޭނާ ވަނީ ގައުމުތަކުގެ ހުރިހާ އިސްވެރިންވެސް މި ކެމްޕެއިންގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ.
މި ކެމްޕެއިނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުގައި ޝާހިދު ވިދާޅުވީ، ކޮވިޑުން އަރައިގަތުމަށްޓަކައި އޮތް އުންމީދަކީ ދުނިޔޭގެ ހުރިހާ އެންމެންނަށްވެސް ހަމަހަމަކަމާއެކު ވެކްސިން ލިބޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އެހެންކަމުން ޝާހިދު ވަނީ ހުރިހާ ގައުމަކަށް ވެކްސިން ހަމަހަމަކަމާއެކު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ގައުމުތަކުގެ އިސްވެރިން އެކުގައި މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ.
މި އަހަރުގެ އާ އަހަރުގެ ޝިއާރެއްގެ ގޮތުގައި ޝާހިދު ފެއްޓެވި "ވެކްސިން އިކުއިޓީ" ކެމްޕެއިންގައި ދުނިޔޭގެ ގިނަ ގައުމުތަކާއި ޖަމިއްޔާތަކުން ވަނީ ބައިވެރިވެފައެވެ.
އަންނަ މަހުގެ 25 ގައި ޝާހިދުގެ އިސްނެންގެވުމުގެ މަތިން ގައުމުތަކުގެ އެންމެ އިސްވެރިންގެ ފެންވަރުގެ ބައްދަލުވުމެއް މިކަމާ ބެހޭ ގޮތުން ބާއްވަން އދ އިން ވަނީ އިއުލާންކޮށްފައެވެ.