ކޮވިޑާ ގުޅިގެން އިއުލާނުކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ފެބްރުއަރީގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި މާޗް މަހުން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮތް ކަމަށެވެ، އަދި އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކައުތެރިކަން ކަށަވަރު ކުރުމަށް ޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލު ކުރެވޭ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާދެއްވާފައިވާ ކަމަށްވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފައެވެ.
މީގެ ކުރިން އިއުލާނު ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މާދަމާގެ ހޮނިހިރު ދުވަހަށް ހަމަވާތީ ސަރުކާރުން ވަނީ އަންނަ މަހުގެ 28 ވަނަ ދުވަހާއި ހަމައަށް މި މުއްދަތު އިތުރު ކޮށްފައެވެ.
އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހެލްތު މިނިސްޓަރަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 12 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަނީ އިތުރު ކުރަމުންނެވެ.