ފޯމު ހުށަހަޅައިގެން އުޅަނދު ފަހަރުގެ އެޖެންޓުންގެ ލައިސަންސް އާކުރުމުގެ ބަދަލުގައި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް އެޖެންޓުންގެ ލައިސަންސް އާކުރެވޭ ގޮތް ހަދައިފިއެވެ.

ކަސްޓަމްސްގެ ގަވައިދުގައިވާ ގޮތުން، އުޅަނދު ފަހަރުގެ އެޖެންޓުންގެ ލައިސަންސްގެ މުއްދަތަކީ ލައިސަންސް ދޫކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަހެވެ. ލައިސަންސްގެ މުއްދަތު ހަމަވުމުން އެ އާ ކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ ކަސްޓަމްސްގެ އިދާރާއަށެވެ.

ކަސްޓަމްސް އިން ބުނީ، އެޖެންޓުންގެ ލައިސަންސް އާ ކުރުމަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ފެށުމާއެކު، ލައިސަންސްގެ މުއްދަތު ހަމަވުމުން، ލައިސަންސް އޮޓޯއިން ބާތިލްވާނެ ކަމަށާއި، ދެން ހިދުމަތް ލިބޭނީ ލައިސަންސް އާކުރުމަށްޓަކައި ފައިސާ ދެއްކުމުން ކަމަށެވެ.

އެ ޕޯޓަލަށް ލޮގިން ވުމަށް ފަހު ޑޭޝްބޯޑުގައި އިން ރިނިއު އުޅަނދު ފަހަރުގެ އެޖެންޓުގެ ލިންކަށް ވަދެ ފުރިހަމަ ކުރަންޖެހޭ ބައިތައް ފުރިހަމަ ކުރުމުން ހިދުމަތް ލިބިގެން ދާނެއެވެ.

އެހެންވެ ކަސްޓަމްސް އިން ވަނީ ބީއެމްއެލްގެ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް އޮންލައިންކޮށް ލާރި ދެއްކޭނެ ގޮތް ހަދާފައެވެ.

ކަސްޓަމްސް އިން ލައިސަންސް އާ ކުރުމުގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ދޫކުރާ ޝިޕިން އޭޖެންސީ ލައިސަންސްގެ މުއްދަތު ހަމަވެފައިވާނަމަ، އެ ލައިސަންސް އާ ކުރުމަށްފަހު އެއާ ގުޅޭ ލިޔުން ހުށަހަޅަން ކަސްޓަމްސް އިން އެދެއެވެ.