އިންތިހާއަށް މަސްރަހު ނުތަނަވަސް ވެފައިވާ ޔޫކްރައިންގެ މެދު ތެރޭ ހިސާބުގައި ހުންނަ އަސްކަރީ ކާރުހާނާއެއްގައި ފޯރިމަރަމުން ދިޔަ 5 ގާޑަކަށް ބަޑިން ހަމަލާދީ މަރާލައިފިއެވެ.

އަސްކަރީ ކާރުހާނާގައި ފޯރިމަރަމުން ދިޔަ ގާޑުންނަށް ބަޑިން ހަމަލާ ދީފައި ވަނީ، ޔޫކްރޭނިއަން ނޭޝަނަލް ގާޑުގެ ސިފައިންގެ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމީހާ އެކަން ކުރި މަގުސަދެއް އަދި ސާފެއް ނުވެއެވެ.

މިސައިލް އުފައްދާ ކާރުހާނާއެއްގައި މިއަދު ހެނދުނު މި ހާދިސާ ހިނގާދިޔައީ، ގާޑުންނާ ހަތިޔާރު ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިރު ކަމަށް ޔޫކްރައިންގެ ބަޔާނަކާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ބަޑީގެ ހަމަލާ ދިނުމަށްފަހު، އެ ސިފައިންގެ މީހާ ސީން ދޫކޮށް ފިލާފައި ވާ ކަމަށް، ޔޫކްރައިންގެ ދާހިލީ ވުޒާރާއިން ބުނެއެވެ. 5 މީހެއްގެ ފުރާނަ ގެއްލިދިޔަ އިރު، އިތުރު 5 މީހަކު ޒަހަމްވި ކަމަށްވެސް ދާހިލީ ވުޒާރާއިން މައުލޫމާތު ދެއެވެ.

ޔޫކްރައިންގެ ފުލުހުން ދަނީ، ހަމަލާ ދިނުމަށްފަހު ފިލައިގެން އުޅޭ ސިފައިންގެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދަނޑިވަޅަކީ ޔޫކްރައިންގެ އަސްކަރިއްޔާއަށް އިންތިހާއަށް ހައްސާސް ދަނޑިވަޅެކެވެ. ރަޝިއާގެ އަސްކަރިއްޔާއިން ދަނީ ޔޫކްރައިންއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ހާހުން އަސްކަރީ ސިފައިން ރުކުރުވަމުންނެވެ. އަދި ނޭޓޯގެ މެންބަރު ގައުމުތަކުން ދަނީ، ރަޝިއާއިން ޔޫކްރައިންއަށް އަރާ، އެ ގައުމު ހިފަން އުޅޭ ކަމަށް ތުހުމަތު ކުރަމުންނެވެ.

ނަމަވެސް، ރަޝިއާއިން ދަނީ މި ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ޔޫކްރައިންއަކީ އެކި ބޭނުންތަކަށް ދިވެހިންވެސް ވަޒަންވެރިވެ އުޅޭ ގައުމަކަށް ވާއިރު، އެ ގައުމުގައި ތިބި ދިވެހިންގެ ހާލަތު ބެލުމަށް ދަ ޕްރެސްއިން ދިވެހި ހާރިޖިއްޔާގައި ސުވާލު ކުރުމުން، މަސްރަހު މޮނިޓާ ކުރަމުން ދާ ކަމަށް ވަނީ ބުނެފައެވެ. އަދި ކޮންސިއުލާ ޓީމާ ވާހަކަދެއްކުމަށްފަހު، މީޑިއާއަށް ހިއްސާ ކުރެވޭނެ މައުލުމާތެއް އޮތްތޯ ބައްލަވާނެ ކަމަށް، ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވަނީ ދަ ޕްރެސްއަށް ވިދާޅުވެފައެވެ.