ރާއްޖެ އަށް އަންނަ އިގުތިސާދީ ކުރިއެރުމާއެކު ޖަލުތައް ހުސްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް އެހެން ވިދާޅުވީ ރޭ "ސަންގުޓީވީ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުންނެވެ. މައުސޫމް ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތް ކުރާ މީހުންނަށް އަމާޒުކޮށް ފަތުރުވެރިން އުޅޭގޮތް ފެނިގެން ބަޔަކު ގޯސްވާނެ ކަމަށް ބުނުމަކީ ކުޑައިމީސް ބަހެއް ކަމަށެވެ.

އެއަށް ވުރެ ދިވެހިންގެ އަގީދާ ވަރުގަދަ ވާނެ ކަމަށް މައުސޫމް ވަނީ ފާހަގަ ކުރައްވާފައެވެ.

އިންސާނުން ތެރޭ ކުށްކުރާ މީހުން ވެސް އުޅޭ ކަމް ފާހަގަކުރައްވާ މައުސޫމް ވިދާޅުވީ ޖަލުތައް ހަދާފައި ހުންނަނީ އެ ސަބަބާ ހުރެ ކަމަށެވެ. އަދި ރާއްޖެ އަށް އަންނަ އިގްތިސާދީ ކުރިއެރުމުގެ ތެރެއިން ޖަލުތައް ހުސްވާނެ ކަމަށް އޭނާ ފަހަގަ ކުރެއްވިއެވެ.

ދިވެހިންނަކީ އުފެއްދުންތެރި ބަޔަކަށްވެ، ކުށަށް އަރައިގަންނަން ނުޖެހި، ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތްތައް ކުރުމުގެ ފުރުސަތު ލިބި، އިރާދަކުރެއްވިއްޔާ ޖަލުތައް ހުސްވާނެ. ހުރިހާ ދިވެހިން ޖަލުން ނުކުމެ މުޖުތަމައު ބިނާކުރުމުގެ ހަރަކާތްތެރިވާން ފަށާނެ
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް

މައުސޫމް ވަނީ ޓޫރިޒަމް ދާއިރާގެ ސަބަބުން އެހެން މީހުންނަށް ގެއްލުންވާ ފަދަ ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ގެންދާނީ ދިވެހިންނަށް ހުރިހާ ގޮތަކުން ވެސް ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް މައުސޫމް ވަނީ ވިދާޅުވެފައެވެ.

މައުސޫމް މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، ރާއްޖޭގެ ރަށްރަށުގައި އާންމު ގޭގޭގައި ފަތުރުވެރިން ބައިތިއްބޭ "ހޯމް ސްޓޭ" ތައާރަފު ކުރުމުން ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ހޯމް ސްޓޭ އަކީ އާންމު ގޭގޭގައި ފަތުރުވެރިން ބައިތިއްބައިގެން ނަފާ ހޯދޭ ވިޔަފާރިއެއް ނަމަވެސް އެކަން ކުރުމަށް ހާއްސަ އުސޫލުތަކެއް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.