ޖަވާހިރުތަކެއްގެ ވައްކަމާއި ގިނަ ގަތުލުތަކެއްގެ މައްސަލާގައި ސައުދީ އަރަބިއްޔާއާއި ތައިލޭންޑާ ދެމެދު އޮތް 30 އަހަރުވީ ޑިޕްލޮމެޓިކް ދެބަސްވުންތައް ނިމުމަކަށް ގެނެސް، އެއް ގަލަކަށް އަރައިފިއެވެ.

ސައުދީއާއި ތައިލޭންޑްގެ ޑިޕްލޮމެޓިކް ގުޅުންތައް ފުރިހަމައަށް އިޔާދަ ކުރައްވާފައި ވަނީ، ތައިލޭންޑްގެ ބޮޑުވަޒީރު ޕްރާޔޫތު ޝާން-އޯޝާ، ސައުދީ އަރަބިއްޔާއަށް ކުރެއްވި ދަތުރުފުޅުގައެވެ.

ޖަވާހިރުގެ ވައްކަމުގެ މައްސަލަ ހިނގީ 1989 ވަނަ އަހަރު، ސައުދީގެ އަމީރަކަށް ހިދުމަތް ކޮށްދެމުން ތިޔަ ތައިލޭންޑްގެ މަސައްކަތު މީހެއް، އެ ޖަވާހިރުތައް ވަގަށް ގެންދިއުމުންނެވެ. ވަގަށް ގެންދިޔަ ޖަވާހިރުތަކުގެ ތެރެއިން 50 ކެރެޓްގެ ބްލޫ ޑައަމަންޑެއް ހޯދިފައެއް ނުވެއެވެ.

ޖަވާހިރުތައް ވަގަށް ގެންދިޔަ މީހާ، އެ ޖަވާހިރުތައް ވިއްކާލީ ތައިލޭންޑްގައެވެ. އޭގެ އަސްލު ނޭނގި ހުރި ހާލުގައެވެ. ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ޖަވާހިރު، ތައިލޭންޑްގެ ފުލުހުން ވަނީ ސައުދީއާ ހަވާލު ކޮށްފައެވެ. ނަމަވެސް ސައުދީއިން ވަނީ އޭގެ ތެރެއިން ގިނަ އެއްޗިއްސަކީ އަސްލެއް ނޫން ކަމަށާ، އެއީ "ފޭކު" ކަމަށް ބުނެފައެވެ.

ޖަވާހިރުތަކުގެ ވައްކަމުގެ މައްސަލާގައި ތައިލޭންޑްގެ ފުލުހުންނަށްވެސް ސައުދީއިން ތުހުމަތުތަކެއް އަމާޒު ކުރިއެވެ. އެކަމުގައި އިސް އޮފިސަރުން ޝާމިލުވާ ކަމަށް ސައުދީއިން ބުންޏެވެ.

މި ވައްކަމަށް ފަހު، ސައުދީގެ 3 ޑިޕްލޮމެޓެއްގެ ގަޔަށް ބަޑި ޖަހާ މަރާވެސް ލިވެއެވެ. އެކަން ހިނގީ ތައިލޭންޑްގެ ވެރިރަށް ބެންކޮކްގައެވެ. މި ހާދިސާގެ ތުހުމަތު، ތައިލޭންޑްގެ ފުލުހުންތަކަކަށް އަމާޒުވި ނަމަވެސް، ދައުވާއެއް އުފުލާފައެއް ނުވެއެވެ.

ތައިލޭންޑާއި ސައުދީގެ ގުޅުންތައް އަލުން އިޔާދަ ކުރި ކުރުމަކީ، ތައިލޭންޑްގެ މަސައްކަތްތެރިންނަށް ސައުދީއިން ވަޒީފާ ހޯދުމަށް ހުޅުވިގެން ދިޔަ ދޮރެއް ކަމުގައި ސިފަ ކުރެވެއެވެ. ސައުދީއިން ވަނީ އެތައް މިލިއަން ބިދޭސީ މަސައްކަތްތެރިންނެއް ބޭނުން ވާ ކަމަށް އިއުލާން ކޮށްފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމާ ޕެޓްރޯކެމިކަލް ވިޔަފާރީގެ ގުޅުންތައްވެސް މި ދެ ގައުމުގެ މެދުގައި ބަދަހި ވެގެންދާނެ ކަމަށް ހަބަރު ލިބެއެވެ. ސައުދީ އެރޭބިއަން އެއާލައިންސްއިން ވަނީ، މެއި 2022 ގައި، ސީދާ ތައިލޭންޑަށް ދަތުރުތައް ފަށާނެ ކަންވެސް އިއުލާން ކޮށްފައެވެ.

ޖަވާހިރުތައް ވަގަށް ނެގި މީހާ ވަނީ 3 އަހަރު ދުވަސް، ޖަލުގައި ހޭދަ ކޮށްފައެވެ.