ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ތެރެއިން ވ. އާރަށުގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި އެ ޝަރީއަތް މާދަމާ އަށް ތާވަލު ކޮށްފައި ވަނީ ހެނދުނު 9:30 އަށެވެ. މާދަމާ ޝަރީއަތް ބާއްވަން ތާވަލު ކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާގެ ދައުވާ އިއްވުމާއި ދައުވާއަށް ޖަވާބުދާރީ ވުމުވެއެވެ.

އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.

ޔާމީންގެ އިތުރު މައްސަލައެއްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެއެވެ. އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.