އަންނަ މަހު ބާ ކައުންސިލްގެ އަހަރީ އާންމު ޖަލްސާ ބާއްވަން ނިންމައިފިއެވެ.

ބާ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ނުވަވަނަ ދުވަހު، ހަވީރު 4 އިން އިރުއޮއްސި 6 އަށް ވާޗުއަލްކޮށް ބާއްވަން ނިންމާފައިވާ ކަމަށެވެ.

އާންމު ޖަލްސާގައި ބައިވެރިވުމަށް ބޭނުންވާ ވަކީލުންނަށް އެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ.

އެއާއެކު، ބާ ކައުންސިލުން ވަނީ އާންމު ޖަލްސާގެ އެޖެންޑާގައި އާންމު މެންބަރުން ހިމަނަން ބޭނުންވާ ކަމެއް އޮތްނަމަ، އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ކުރިން އެ ކަމެއް ކައުންސިލަށް އީމެއިލް ކުރުމަށް އެދިފައެވެ.

ރާއްޖޭގައި ބާ ކައުންސިލެއް އެކުލަވާލާފައި ވަނީ 2019 ވަނަ އަހަރުގެ ޖޫން 27 ގައި ރައީސް ތަސްދީގުކުރެއްވި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނުގައިވާ ބާ ކައުންސިލްގެ އެގްޒެކުޓިވް ކޮމިޓީގެ ތިން އަހަރުގެ ދައުރަކަށް މެންބަރުން އިންތިހާބު ކޮށްފައި ވަނީ އެ އަހަރުގެ ޖުލައި 14 ގައެވެ.

ބާ ކައުންސިލްގެ މި ދައުރުގެ ރައީސަކީ މައުމޫން ހަމީދެވެ. ނައިބު ރައީސަކީ ކުރީގެ އެޓާނީ ޖެނެރަލް އަބްދުﷲ މުއިއްޒެވެ.