ރަޝިއާއިން ޔޫކްރައިންއަށް އަރައިފިނަމަ، ރަޝިއާގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ ޒާތުފުޅަށް އަމާޒު ކުރައްވައިގެން ދަތި ކުރުމުގެ ފިޔަވަޅު އެޅުމާ މެދު ވިސްނަވާނެ ކަމަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރައިންއަށް އަރާ، އެ ގައުމު ހިފާފާނެ ކަމުގެ ބިރު، އިންތިހާއަށް ބޮޑުވެފައި ވާ މި ދަނޑިވަޅުގައި، ރަޝިއާއިން އެފަދަ ކަމެއް ކުރުމަކީ މުޅި ދުނިޔެއަށްވެސް އެކަމުގެ ސަބަބުން ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން މިފަދަ ރޫހެއްގައި ވާހަކަފުޅުދައްކަވާފައި މިވަނީ، ރަޝިއާއިން ޔޫކްރައިން ހިފައިފިނަމަ، އެކަމުގެ އަގު ރަޝިއާއިން އަދާ ކުރަން ޖެހޭނެ ކަމުގެ އިންޒާރު، ހުޅަނގުގެ ލީޑަރުން ތަކުރާރުކޮށް، ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކަން މިހެން އޮތް އިރު، މަސްރަހު އިތުރަށް ނުތަނަވަސް ކުރަމުން ދަނީ އެމެރިކާއާއި އެހެންވެސް ގައުމުތަކުން ކަމަށް ބުނެ ރަޝިއާއިން ދަނީ، ޔޫކްރައިންއަށް އަރަން އުޅޭ ކަމަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރަމުންނެވެ.

ނަމަވެސް ރަޝިއާއިން މިހާރު ވެސް ވަނީ، ޔޫކްރައިންއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާ އަސްކަރިއްޔާގެ ލައްކައެއްހާ ސިފައިންގެ ފައުޖެއް ރުކުރުވާލާފައެވެ.

ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ބައިޑަން ވަނީ، ރަޝިއާއިން ޔޫކްރައިންނަށް އަރާ އެގައުމު ހިފައިފިނަމަ އެކަން ވެގެންދާނީ 2 ވަނަ ބޮޑު ހަނގުރާމައަށް ފަހު ދުނިޔެ ދެކޭނެ މިފަދަ އެންމެ ބޮޑު ހާދިސާ ކަމުގައި ސިފަ ކުރައްވާފައެވެ.

ރަޝިއާއާއި ޔޫކްރައިންގެ މަސްރަހު ނުތަނަވަސް ވަމުން ދިޔަ ނަމަވެސް ނޭޓޯޣެ ގައުމުތަކުން ކަންބޮޑުވާން ޖެހޭ ސަބަބެއް ނެތް ކަމަށާ، ނެޓޯއިން އެ ގައުމުތަކުގެ ދިފާއަށް އަރާނެ ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާގެ އަސްކަރީ ފައުޖު، ޔޫކްރައިންއަށް ފޮނުވުމުގެ ޕްލޭނެއް ނެތް ކަމަށްވެސް ބައިޑަން ވަނީ ވިދާޅުވެފައެވެ.