މިދިޔަ އޮގަސްޓު މަހު ފުލުހުން ގއ. ދާންދޫގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގެ މައުލޫމާތު ލީކުކުރި ކަމުގެ ހެކި ނެތިގެން، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު އާސިފްގެ މައްސަލަ ފައިލް ކޮށްފިއެވެ.

އެ މައްސަލާގައި ފުލުހުން ވަނީ މިދިޔަ އޮގަސްޓު މަހުގެ 10 ގައި އާސިފާއި އިތުރު ތިން މީހެއްގެ ފޯނު ހިފަހައްޓާފައެވެ. ނަމަވެސް 33 ދުވަސް ފަހުން އެ ފޯނުތައް އަނބުރާ ދީފައިވެއެވެ.

މިދިޔަ މަހުގެ 22 ގައި އާސިފަށް ފުލުހުން ފޮނުވި އޭނާގެ މައްސަލަ ނިމުނު ގޮތުގެ ލިޔުމުގައިވާ ގޮތުން، އެ މައްސަލާގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިނުވާތީ އެ މައްސަލަ ވަނީ ފައިލްކޮށްފައެވެ. ފުލުހުން އާސިފްގެ މައްޗަށް ކޮށްފައިވަނީ ސަރުކާރުގެ ސިއްރު ބޭޒާރުކުރި ކަމުގެ ތުހުމަތެވެ.

މިކަމާ ގުޅިގެން، އާސިފްގެ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އެ މައްސަލާގައި އާސިފް "ދަ ޕްރެސް" އަށް މީގެ ކުރިން ވިދާޅުވެފައިވަނީ، އެއީ ބަޔަކު ސިޔާސީ މަންފާއެއް ހޯދުމަށް، އަބުރު ކަތިލުމަށް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށެވެ. އަދި އާއިލާ މީހަކަށް ބެލުމެއް ނެތި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާ ކަމަށާއި ދުވަހަކުވެސް ކުށެއް ކުރައްވައިފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.