މަސްރަހު އިންތިހާއަށް ނުތަނަވަސް ވެފައި ވާ ޔޫކްރައިން ސަރަހައްދުގައި ހަނގުރާމައެއް ފެށިދާނެ ކަމަށް ބަލާ، ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ރުކުރުވާލެވޭ ގޮތަށް، އެމެރިކާގެ ހަނގުރާމަ މަތީ އަސްކަރިއްޔާގެ 8500 ސިފައިންގެ ފައުޗެއް، އެލާޓަށް ގެނެސްފައި ވާ ކަމަށް، އެމެރިކާގެ ދިފާއީ ވުޒާރާ (ޕެންޓަގަން) އިން ހާމަ ކޮށްފިއެވެ.

ޔޫކްރައިންއާ ރަޝިއާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި ރަޝިއާ އަސްކަރިއްޔާގެ ލައްކައެއްހާ ސިފައިން ރުކުރުވާލާފައި ވީ ނަމަވެސް، ރަޝިއާއިން ދަނީ ޔޫކްރައިންއާ ދެކޮޅަށް އަސްކަރީ ހިންގަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ، ކުރަމުން ދާ ތުހުމަތުތަކަށް އިންކާރު ކޮށް، ދޮގު ކުރަމުންނެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، ރަޝިއާގެ އަމަލުތަކާ ގުޅިގެން، ގުޅިފައިވާ އާންމު އިސްތިރާޖެއްގެ ދަށުން އަމަލު ކުރުމަށް، ވިލާތުގެ ބައިވެރިންނާ މަޝްވަރާ ކުރައްވާފައި ކަމަށްވެސް ހަބަރު ލިބެއެވެ.

އެމެރިކާ އަސްކަރިއްޔާގެ ފައުޖެއް ހައި-އެލާޓަށް ގެނައި ނަމަވެސް، އަމަލީ ގޮތުން އަސްކަރިއްޔާ ރުކުރުވާލުމާ މެދު އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް ޕެންޓަގަން އިން ބުނެއެވެ. މިކަމުގައި ގޮތެއް ނިމިގެންދާނީ ނޭޓޯގެ އަސްކަރީ އިއްތިހާދުން ނިންމުމުން ކަމަށް ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޖޯން ކާބީ ވަނީ އިޝާރާތް ކުރައްވާފައެވެ.

ޔޫކްރައިންގެ މަސްރަހު އިންތިހާއަށް ހާސް ވަމުން އަންނައިރު، ގައުމުތަކުން ދަނީ އެ ގައުމުތަކުން ޔޫކްރައިންގައި ހަރަކާތްތެރިވެވަޑައިގަންނަވާ ޑިޕްލޮމެޓުންނާއި އެ ޑިޕްލޮމެޓުންގެ އާއިލާތައް ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަމުގެ މަސައްކަތް ކުރަމުންނެވެ.

ދަ ޕްރެސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، ދިވެހި ހާރިޖިއްޔާގެ ކޮމިއުނިކޭޝަންސް ޑައިރެކްޓާ މިއުވާން މުޙައްމަދު ވަނީ ޔޫކްރައިންގެ މަސްރަހު މޮނިޓާ ކުރަމުން އަންނަ ކަމަށް އިޝާރާތް ކުރައްވާފައެވެ.