މީގެ 2 ހަފުތާއެއްހާ ދުވަސް ކުރިން ޓޮންގާގެ ކަނޑުގެ ސަރަހައްދުގައި ގޮވި އަލިފާންފަރުބަދައިގެ ގޮވުމުގެ ބާރު، 2 ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އެމެރިކާއިން ހީރޯޝީމާއަށް ވައްޓާލި އެޓޮމް ބޮމުގެ ބާރަށް ވުރެ އެތައް ސަތޭކަ ގުނައެއް ގަދަ ކަމަށް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާ) އިން ބުނެފިއެވެ.

ނާސާއިން ބުނީ، ގޮވުމުގެ ވަރުގަދަ ކަމުން، ޓޮންގާގެ ވެރިރަށް ނުކުއަލޯފާގެ އިރުން އޮތް ޖަޒީރާއެއްވެސް މުޅިން ދޮވެވި، ގެއްލިގެން ގޮސްފައި ވާ ކަމަށެވެ.

މި ގޮވުމާއި ގޮވުމަށްފަހު އުފެދުނު 49 ފޫޓުގެ ސުނާމީ ކާރިސާގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

އެންމެ ފަހުގެ ގޮވުމުގެ ކުރިން، ހަންގާ ޓޮންގާ ހަންގާ ހަޕާއި އަކީ 2015 ވަނަ އަހަރު އަލަށް އުފެދުނު ރަށެއްގެ ސަބަބުން، ގުޅިފައި އޮތް 2 ރަށެވެ. ނާސާއިން ބުނީ ގޮވުމުގެ ސަބަބުން، 2015 ވަނަ އަހަރު އުފެދުނު ބައި ގެއްލިގެން ގޮސްފައި ވާ ކަމަށާ، ކުރިން އޮތް ދެ ރަށުގެ ބައެއް ބައިތައްވެސް ގޮސްފައި ވާ ކަމަށެވެ.

ޓޮންގާގެ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ގައުމާ ދުވަސްތަކެއް ވަންދެން ގުޅުން ކެނޑިފައި އޮތުމަށްފަހު، ބައިނަލްއަގުވާމީ އެހީތެރިންނަށް އެހިސާބަށް ދެވޭ ވަރުވީ ހުސްވި ހަފުތާ ނިމެން ދަނިކޮށެވެ. ޓޮންގާއަށް ލިބުނު ގެއްލުމުގެ ފުރިހަމަ މައުލޫމާތެއް އަދިވެސް ނުލިބެއެވެ.