ޖައްވީ ދިރާސާތައް ކުރުމަށްޓަކާ މީގެ މަހެއްހާ ދުވަސް ކުރިން އުދުއްސާލި ވަރުގަދަ ޖޭމްސް ވެބް ޓެލެސްކޯޕް، އޮންނަން ޖެހޭ މަގާމަށް ގެންދެވިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

ވެބް ޓެލެސްކޯޕް އޮންނަ މަގާމަށް ދީފައި ވާ ނަމަކީ "ދަ ލަގްރާންޖް ޕޮއިންޓް 2" އެވެ. މި ސަރަހައްދު ވަނީ، ދުނިޔެއާއި 1 މިލިއަން މޭލު ނުވަތަ 1.5 ކިލޯމީޓަރު ދުރުގައެވެ.

ވެބް ޓެލެސްކޯޕް، އޭގެ މަގާމަށް ގެންދެވިފައި ވާއިރު، ދުނިޔޭގެ ބިމުގައި ތިބި ކޮންޓްރޯލަރުން، ކުރިއަށް އޮތް މަސްތައް ހޭދަ ކުރާނީ، ސައެންސްގެ އެކި ބޭނުންތަކަށް ޓެލެސްކޯޕް ތައްޔާރު ކުރުމަށްޓަކާ، އެ ޓެލެސްކޯޕް ޓިއުން ކުރުމުގެ މަސައްކަތުގައެވެ.

ޑިސެމްބަރު 25، 2021 ވަނަ ދުވަހު އާރިއާން-5 ރޮކެޓްގައި އުދުއްސާލި ވެބް ޓެލެސްކޯޕަކީ، ޖައްވީ މަންޒަރުތައް ގެނެސްދިނުމުގައި ގިނަ ބައެއްގެ މެދުގައި މަޝްހޫރު، ހަބްލް ޓެލެސްކޯޕްގެ ބަދަލުގައި، އެ މަސައްކަތްތައް ކުރާނެ ޓެލެސްކޯޕެވެ.

ވެބް ޓެލެސްކޯޕުގެ އެންމެ ވަރުގަދަ އަމާޒުތަކުގެ ތެރޭގައި މި ކައުނުގައި އެންމެ ފުރަތަމަ ބަބުޅަން ފެށި ތަރިތަކުގެ ފޮޓޯ ނެގުމާ، އިންތިހާ ދުރުގައި ވާ ޕްލެނެޓްތަކުގެ ފޮޓޯޓައް ނެގުން ހިމެނެއެވެ.

ދުނިޔޭގެ ބިމުން ޖައްވުގެ ތެރެއަށް ވެބް ޓެލެސްކޯޕް ފޮނުވާލުމާ، އޭގެ މަގާމުގައި ޕާކު ކުރުމާ ހިސާބަށް ހުރިހާ ކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށާ، އަދި މިހާތަނަށް ގޯސް ފިޔަވަޅެއް އެޅިފައި ނުވާ ކަމަށް ހަބަރު ލިބެއެވެ.