މީހުން ނުހޯދާ ހިދުމަތްތަކަށް ބިލްކޮށްފައި އޮތުމުން ދެ ކްލިނިކެއް ސަސްޕެންޑު ކުރިކަން އާސަންދައިން ހާމަކޮށްފިއެވެ.

އާސަންދައިގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެކުންފުނިން ވަނީ މިދިޔަ ޑިސެމްބަރު މަހު އާސަންދަ ހިދުމަތް ހޯދުމުން ފޯނަށް ނޮޓިފިކޭޝަނެއް އަންނަ ގޮތް ހަދާފައެވެ. އެހެން ނަމަވެސް އެ ހިދުމަތް ތައާރަފް ކުރިތާ މަހެއްވެގެން ގޮސްފައި ވާއިރު، 300 އަށް ވުރެ ގިނަ ޝަކުވާ އާންމުން ހުށަހަޅާފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

"ޕީއެސްއެމް ނިއުސް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، އާސަންދައިގެ ޖެނެރަލް މެނޭޖަރު އާމިނަތު ޒީނިޔާ ވިދާޅުވީ، އާސަންދައިގެ ނޮޓިފިކޭޝަން ހިދުމަތް ތައާރަފުކުރިތާ މަސް ދުވަހުގެ ތެރޭ އާންމުންގެ ފަރާތުން 325 ޝަކުވާއެއް ހުށަހަޅާފައިވާ ކަމަށާއި، އޭގެން 15 ޕަސެންޓަކީ ނުހޯދާ ހިދުމަތްތަކަށް ބިލް ކޮށްފައިވުމުގެ މައްސަލަ ކަމަށެވެ.

އެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ޒީނިޔާ ވިދާޅުވިއެވެ. އެގޮތަށް މިހާތަނަށް ބެލިބެލުމުން ބައެއް ކްލިނިކްތަކުން އޮޅުވާލައިގެން ބިލް ކުރަމުންދާ ކަމަށް އެނގިފައިވާ ކަމަށާއި، އެހެންވެ ދެ ކްލިނިކެއް މިހާތަނަށް ސަސްޕެންޑުކޮށްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މި ޝަކުވާ އާސަންދައަށް ހުށައެޅުމުން ދެ ކްލިނިކެއް އިންވެސްޓިގޭޓްކުރަމުން މިދަނީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން މި ހާލަތުގައި ބަލިމީހަކަށް ގުޅައިފިއްޔާ، އެމީހެއްގެ ސިއްހީ ލިޔެކިޔުންތައް އަޅުގަނޑުމެންނާ ހިއްސާކުރުމަށް."
އާމިނަތު ޒީނިޔާ, އާސަންދައިގެ ޖެނެރަލް މެނޭޖަރު

އެ މުއްދަތުގައި ހިދުމަތް ހޯދި ބަލިމީހުންނަށް ގުޅައި މައުލޫމާތު ސާފުކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އާސަންދައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ރަޝީދު ވިދާޅުވީ، ފޯނަށް ނޮޓިފިކޭޝަން ލިބޭ ހިދުމަތާއެކު، އެ ހިދުމަތް ދިނުމުގެ ނިޒާމުގައި ހުރި މައްސަލަތައް ދެނެގަނެވެން ފަށާފައިވާ ކަމަށެވެ.

އާސަންދައިން ވަނީ، އެ މީހަކު އެ ކުންފުންޏަށް ދީފައިވާ މައުލޫމާތުތައް އަޕްޑޭޓުކޮށް، ހިދުމަތާ ގުޅޭ އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް ފާހަގަ ވެއްޖެ ނަމަ، އެ ކުންފުންޏަށް އެންގުމަށް ވަނީ އެދިފައެވެ.