ސީރިއާގެ ހަނގުރާމަވެރި ސަރަހައްދެއްގައި އުފަންވި ދެ ކުއްޖެއްގެ މަންމައަކީ ދިވެއްސެއް ކަމަށް ފެމިލީ ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

މިއީ މިފަދަ ހުކުމެއް ފެމިލީ ކޯޓުން ކުރި ފުރަތަމަ ފަހަރެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުގައި ދިވެހިންނަށް ލިބޭ ދަރިންނަކީ އެ މީހުންގެ ދަރިންކަން ސާބިތުކުރަން ފެމިލީ ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށް، ޓެރަރިޒަމްގެ ގާނޫނުގައި ވެއެވެ. އެހެންވެ، ސީރިއާގެ ހަނގުރާމަވެރި ސަރަހައްދެއްގައި އުޅުނު އަންހެން މީހާ ވިހެއި ދެ އަންހެން ކުދިންނަކީ އޭނާގެ ދަރިންކަން ސާބިތުކުރުމަށް އޭނާ ވަނީ މައްސަލަ ހުށަހަޅާފައެވެ.

އިއްޔެ ފެމިލީ ކޯޓުން ކުރި ހުކުމްގައި، އެ ދެ ކުދިންނަކީ އެ އަންހެން މީހާގެ ދަރިންކަން ސާބިތުވާ ކަމަށް ނިންމާފައި ވަނީ އެ ތިން މައިންގެ ޑީއޭންއޭ ސާމްޕަލްތައް އަޅާކިޔުމަށް ފަހު، ފުލުހުން ހަދާފައިވާ މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓަށާއި، އެ ރިޕޯޓު ހެދި މީހާގެ ހެކިބަހުގެ އިތުރުން، އެހެނިހެން ހެކިތަކަށް ބެލުމަށް ފަހު ކަމަށެވެ.

ނަމަވެސް އެ ތިން މައިންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ.

އިއްޔެގެ ވަގުތެއްގައި މި ހުކުމް ކޮށްފައިވާއިރު، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ވަނީ ހަނގުރާމަވެރި ސަރަހައްދުތަކުގައި އުފަންވާ ކުދިން ރަޖިސްޓްރީކުރުމާ ބެހޭ އުސޫލު އާންމުކޮށްފައެވެ.