ކޮވިޑު ހަލުވިކަމާއެކު ފެތުރެމުން ދާތީ ހއ. ދިއްދޫގައި ފިޔަވަޅުތައް ވަރުގަދަކޮށް، ދަށް ގްރޭޑްތަކުގެ ކުދިން ސްކޫލަށް ހާޒިރުކޮށްގެން ކިޔަވައިދިނުން ހުއްޓާލައިފިއެވެ.

މީގެ ކުރިންވެސް ދިއްދޫގައި ހަލުވިކަމާއެކު ކޮވިޑް ފެތުރޭތީ އެ ރަށް މޮނިޓަރިންގެ ހާލަތަށް ލިއެވެ. މިފަހަރު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާ އިރު މިވަގުތު އެ ރަށުގައި ބަލިޖެހިފާ ތިބި މީހުންގެ އަދަދު ވަނީ 109 އަށް އަރާފައެވެ.

އެރަށު ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެރަށުގައި ކޮވިޑް ފެތުރެމުން ދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިން އަށް ލާފައި ވާތީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ކޮވިޑް ދިއްދޫ ޓާސްކްފޯސް އިން ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ.

އެ ރަށުގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއުގެ ވަގުތު ކަމުގައި ހަމަޖައްސާ، އެވަގުތުތަކުގައި ގެއިން ބޭރަށް އެއްވެސް މީހަކު ނުދިއުމަށާއި އަދި ހުއްދަ ދީފައިވާ އެއްގަމު އުޅަނދުތައް ފިޔަވާ އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމަށް ކައުންސިލުން އަންގައިފާ ވާއިރު ޓިއުޝަން ކުލާސްތަކާއި، ކިޔަވައިދޭ އެހެނިހެން ތަންތަނަށް ކުދިން ހާޒިރު ކޮށްގެން ކިޔަވައި ދިނުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި ސުކޫލް މަދަރުސާ ފަދަ ތަންތަނުގައި ގުރޭޑް 7 އިން ދަށުގެ ކުދިން ހާޒިރު ކޮށްގެން ކިޔަވައި ދިނުން ހުއްޓާލުމަށްވެސް ކައުންސިލުން ވަނީ އަންގާފައެވެ.

ފިހާރަތަކާއި ހޮޓާ އަދި ރެސްޓޯރަންޓުތަކުން ހިދުމަތް ދިނުމަށް އަޅާފައިވާ ފިޔަވަޅުތައް:

  • ފިހާރަ / ރެސްޓޯރެންޓް ފަދަ ތަންތަނަށް އެއްފަހަރާ ވަދެވޭނެ އަދަދެއް ކަނޑައަޅާ އެ ތަންތަނުގެ އެތެރޭގަ އާއި ބޭރުގައިވެސް ގައިދުރުކަން ބެހެއްޓޭނެގޮތަށް 3 ފޫޓް ދުރުގައި ކަސްޓަމަރުން ތިބެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  • ފިހާރަތަކުގެ ތަޅުގެ އަތްގަނޑުތަކާއި ސިޑީގެ ރެއިލްތައް ގިނަގިނައިން ޑިސްއިންފެކްޓްކުރުން.
  • ފިހާރަތަކާއި ވިޔަފާރިކުރާ އެހެނިހެން ތަންތަންވެސް ރޭގަނޑު 9 ގެ ފަހުން ބަންދުކޮށްފައި ބެހެއްޓުމާއި، ރޭގަނޑު 9 އިން 10 އާ ހަމައަށް ޑެލިވަރީގެ ހިދުމަތް ދިނުން.
  • ހޮޓާ / ރެސްޓޯރެންޓްތައް ރޭގަނޑު 9 އާ ހަމައަށް ހިދުމަތް ދިނުމާއި، ރޭގަނޑު 9 އިން 12 އަށް ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދިނުން.
  • ހޮޓާ / ރެސްޓޯރެންޓްތަކުން ހިދުމަތް ދޭއިރު އެޗްޕީއޭގެ މިންގަނޑުތަކާއި އެއްގޮތަށް މީހުން ތިބެވޭނެ އިންތިޒާމުހަމަޖެއްސުން އަދި ހިދުމަތްދީ ނިމުމުން އެތަންތަން ޑިސްއިންފެކްޓް ކުރުން.

މީގެ އިތުރުން މަގުމަތީގައި އާއި އެހެނިހެން ތަންތަނުގައިވެސް މީހުން އެއްވެ ނޫޅުމާއި އަދި ޒަރޫރީ ބޭނުންތަކުގައި ނުކުންނައިރު މާސްކު އެޅުމާއިއެކު ގައިދުރުކަން ބެހެއްޓުމަށް ކައުންސިލުން އިރުޝާދު ދީފައި ވާއިރު އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ނުކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

ދިއްދޫ ކައުންސިލުން ވަނީ ސެލޫންތަކާއި، ބޯކޮށާ ތަންތަނުން ރޭގަނޑު 9 ގެ ފަހުން ހިދުމަތް ދިނުން ހުއްޓާލުމަށާއި ދިއްދޫ އިން ކޮންމެހެން ފުރަންޖެހޭ އުޅަނދުފަހަރު ދިއްދޫ ކައުންސިލްގެ ހުއްދަ ހޯދުމަށް ފަހު ފުރުމަށް އަންގާފައެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ބައްދަލުވުންތައް އަދި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ނުގެންދިއުމާއި ޕާކުތަކާއި ހޮޅުއަށިތަކާއި ޖޯލިފަތިތަކުގައި މީހުން އެއްވެ ތިބުން މަނާކޮށްފައެވެ.

ކޮވިޑް ކޭސްތައް ގިނަވަމުން އަންނަ ދުވަސްވަރެއްގައި ރަށްރަށުންވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ ގިނަވެފައެވެ. އަދި ދުވަހެއް ދުވަހަކަށް މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްތައްވެސް އަންނަނީ އިތުރުވަމުންނެވެ.