މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ބޭއްވުމަށް ނިންމާ، އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އެޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވަން ޖެހޭ ރިޔާސީ ބަޔާން އިއްވެވުމެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބުނާގޮތުން ކޮންމެ އަހަރަކު، ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމާބެހޭ ސިޔާސަތުތައް ހާމަކުރައްވާ، ރައީސުލްޖުމްހޫރިއްޔާއަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަންވާނެނެވެ.

އެހެން އަހަރުތަކެކޭ އެއް ފަދައިން މިއަހަރުވެސް ރައީސް ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ މިއަދު އިއުލާނުކޮށްފައިވާއިރު އެ ދުވަހު ޖަލްސާ ފެށުމަށް ހަމަޖެހިފާ ވަނީ ހެނދުނު 9 ޖަހާއިރެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާނެވެ.