ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ބޫސްޓާ ޑޯޒް ނުޖަހާ ނަމަ 14 ދުވަހު ކަރަންޓީނު ވާން ޖެހޭ ގޮތަށް އުސޫލެއް ހަދަން ސަރުކާރުން މަޝްވަރާ ކުރަން ފަށައިފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މަޝްވަރާތައް ކުރަން ފަށާފައި މިވަނީ ބޫސްޓާ ޑޯޒް ޖަހާ މީހުންގެ އަދަދު މަދު ވުމުގެ ސަބަބުންނެވެ.

މިގޮތުން ބޫސްޓާ ޑޯޒް ނުޖަހާ މީހުންނަށް ބައެއް ލުއިތައް އުނިކުރުމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށާއި އޭގެތެރޭގައި ކަރަންޓީން މުއްދަތު 14 ދުވަހަށް ބަދަލުކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މިހާރު ކަރަންޓީންގައި މީހުން ބައި ތިއްބަނީ ހަތް ދުވަހުއެވެެ. ނަމަވެސް މި އުސޫލަށް ބަދަލު ގެންނަ ނަމަ ބޫސްޓަ ނުޖަހާ ނަމަ، ރަށްރަށަށް ދަތުރުކުރާއިރު 14 ދުވަހަށް ކަރަންޓީން ވާން ޖެހޭނެއެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަމުންއައީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 60 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް މި މަހުގެ 15 ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒު ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ވެފައިވާ މީހުންނަށެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

މިހާތަނަށް 397،382 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 369،151 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން 49،142 މީހުން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.