މީހަކު މަރާލި މައްސަލައިގެ ތިން މައްސަލައެއްގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިއުމަށް ތާވަލް ކޮށްފިއެވެ.

މިއަދު ކުރިއަށް ގެންދިއުމަށް ތާވަލްނކޮށްފައިވާ މައްސަލަތަކަކީ، ޅ. ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝް ރައްޔިތެއް ކަމަށް ވާ ސުމޮން މިއާގެ ޝަރީއަތާއި، އަނިޔާވެރިކޮށް މަރާލާފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު ބޮޑުހިޔާގެ، އަދުހަމް މުހައްމަދުގެ ޝަރީއަތާއި، މ. ސަރުމާގޭ، ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި މ. ކުރިރުއްގެ އިރުފާން ރުސްޑީގެ ޝަރީއަތެވެ.

ހިންނަވަރު އިސްލާއީލް އުމަރު (އިއްސެ) މަރާލި މައްސަލަ

މި މައްސަލައިގެ އަޑުއެހުން މިއަދަށް ތާވަލް ކޮށްފައި ވަނީ ހެނދުނު 11:00 އަށެވެ. އިއްސެ މަރާލި މައްސަލައިގައި ހައްޔަރު ކުރި ސުމޮން މިއާ އަށް ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލިކަމުގެ ދައުވާ އުފުލާފައެވެ.

އައިސް ޕްލާންޓްގައި މަސައްކަތް ކުރި ޅ. ހިންނަވަރު މީހެއް ކަމަށްވާ އިއްސެއަށް ޖޫން 16، 2017 ގައި، ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާ ލިބޭ، އެތަނުގައި މަސައްކަތްކުރި ސުމޮން ވަނީ މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެެފައެވެ. އެހެންނަމަވެސް ފަހުން އޭނާ ވަނީ ކުށަށް އިއުތިރާފްވީ ފުލުހުން އޭނާއަށް އަނިޔާކޮށް ބިރު ދެއްކުމުން ކަމަށް ބުނެފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ސުމޮން ވި އިއުތިރާފުން ރުޖޫއަވުމާ މެދު ނިންމާ ގޮތް ޝަރީއަތުން ހުކުމް އިއްވާއިރު އަންގާނެ ކަމަށް ގާޒީ އަލީ އާދަމް ވިދާޅުވިއެވެ. އަދި ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

ސުމޮން މީގެ ކުރިން ވަނީ އިއްސެ މަރާލުމަށް އޭނާ އައިސް ޕްލާންޓަށް ދިޔައީ 12 ވަރަކަށް ފޫޓު ހުންނަވަރުގެ ވާގަނޑެއް ހިފައިގެން ކަމަށާއި ފުރަތަމަ ވިސްނައިގެން ހުރީ ވާގަނޑު ބޭނުން ކޮށްގެން އިއްސެ މަރާލުމަށް ކަމަށެވެ. ނަމަވެސް އިއްސެ އޭރު ނިދާފައި އޮތުމުން ވާގަނޑުން އެކަނި މަރާނުލެވިދާނެ ކަމަށް ހީވުމުން އެ ކޮޓަރި ތެރޭގައި ހުރި ކަބަޑުން ފޫޓެއް ހުންނަ ވަރުގެ ވަޅިއެއް ނެގުމަށްފަހު އިއްސެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

އެންމެ ފުރަތަމަ ކަރަށް ވާގަނޑު ލެއްވުމަށް މަސައްކަތް ކުރަނިކޮށް އިއްސެ ހޭލައި އޭނާއަށް ހަމަލާ ދިން ކަމަށާއި އެއަށް ފަހު ވަޅިން އިއްސެއަށް ހަމަލާ ދިނުމުން އޭނާ އަތުން އިއްސެ ވަޅި އަތުލި ކަމަށާއި ނަމަވެސް އިއްސެ އަތުން އަލުން ވަޅި އަތުލައި 2 ވަނަ ފަހަރަށް ވަޅި ޖެހީ ކަރަށް ކަމަށް ސުމޮން ވަނީ ބުނެފައެވެ. އޭރުވެސް އިއްސެ އޮތީ އެނދު މަތީގައި ކަމަށާއި ނަމަވެސް އިއްސެ އެނދުން ވައްޓާލައި ތިންވަނަ ފަހަރަށް ކަރަށް ވަޅި ހެރި ކަމަށް ސުމޮން ބުނެފައި ވެއެވެ. އިއްސެއަށް ހަމަލާދީ މަރާލުމަށް ފަހު، ވަޅި އާއި ވާގަނޑު އޭނާ ކައިރީގައި ބޭއްވުމަށް ފަހު ދޮރުތައް ތަޅުލާ، ރަށުން ފައިބައިގެން އޭނާ ދިޔައީ ކަމަށް ސުމޮން ވަނީ ބުނެފައެވެ.

ޑްރައިވަރު ގާސިމްގެ މަރުގެ މައްސަލައިގެ ޝަރީއަތް

މި ޝަރީއާތް ތާވަލް ކޮށްފައި ވަނީ މިއަދު 10:00 އަކަށެވެ. މި މައްސަލައިގައި ހައްޔަރު ކުރި އަދުހަމްގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

އދ މާމިގިލި/ ކަނީރުމާގެ 59 އަހަރުގެ ގާސިމް ހަސަން ކަރަށް ވަޅި ހަރައި މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކް އުތުރުން އޮންނަ ރީތިގަސް މަގުން ޑިސެމްބަރު 4، 2019 ގައެވެ. މީގެ ކުރިން ތަހުގީގު މަރުހަލާގައިވެސް އަދުހަމް ވަނީ ކުށަށް އިއުތިރާފް ވެފައެވެ. އަދި މައްސަލައިގެ ތަހުގީގު އަވަސްކޮށް އަވަސް ނިޔާގެ އެއްބަސްވުމެއް ދައުލަތާ އެކު އެކުލަވާލަން ވެސް އޭރު ވަނީ އެއްބަސްވެފައެވެ. އެކަމަކު ފަހުން އޭނާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

ކުށަށް އިއުތިރާފުވެ ފަހުން އެކަމަށް އިންކާރުކުރީ އޭނާ ޖަލުގައި ހުރި ގޮޅީގައި ތިބި ގައިދީން ބިރު ދައްކާ މަޖުބޫރު ކުރުވުންމުން ކަމަށާއި ނަމަވެސް މިހާރު ޖަލުގައި އެކަނި ގޮޅިއެއްގައި އޮންނާތީ އެެއްވެސް ނުރަކަލެއް ނެތް ކަމަށް ވެސް އަދުހަމް ވަނީ ބުނެފައެވެ. އަދްހަމް ވަނީ ގާސިމްގެ ވާރިސުންގެ ކިބައިން މާއާފަށް އެދި އަދަބު ލުއިކޮށްދިނުމަށް އެދޭ ކަމަށް ވެސް ބުނެފައެވެ.

ފާތިރު މުހައްމަދުގެ މަރުގެ މައްސަލައިގެ ޝަރީއަތް

މި ޝަރީއާތް ތާވަލް ކޮށްފައި ވަނީ މިއަދު 10:00 އަށެވެ. މި މައްސަލައިގައި ހައްޔަރު ކުރި އިރުފާނުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާއެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މަރާލި މ. ސަރުމާގޭ، ފާތިރު މުހައްމަދު އަލީގެ މަރުގެ މައްސަލައާ ގުޅިގެން އިރުފާން ހޯދަމުން ދަނިކޮށް އޭނާ ފެނި ހައްޔަރު ކޮށްފައި ވަނީ އޮކްޓޯބަރު 25، 2019 ގައި ގދ. ތިނަދޫ އިން ފުރައިގެން މަސްވެރި ކަމަށް ނުކުމެ އުޅުނެނިކޮށް ތެޔޮ ހުސްވެގެން ހާލުގައި ޖެހުނު ލޯންޗުގައި ހުއްޓައެވެ.

ފާތިރު މަރުވީ މަރާމާރީއެއްގައި ކ. ކާށިދޫ، ރަންފަރު، އަހްމަދު އިރުޝާން ހިލްމީގެ މަރާ ގުޅިގެން އެކަމުގެ ބަދަލު ހިފުމުގެ ގޮތުން މާރާމާރީ ހިންގާ ދިން ހަމަލާތަކެއްގައެވެ.