ދެވަނަ ޓާމަށް ސްކޫލް ހުޅުވި ކިޔެވުން ފެށިފައިވާ މި ދުވަސްވަރަކީ ކޮވިޑް ބަލި އަނެއްކާވެސް ފެތުރެމުންދާ ދުވަސްވަރެކެވެ. ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު އެޗްޕީއޭއިން ވަނީ ކަރަންޓީން ވުމާއި ޕީސީއާރް ހެދުމުގެ ކަންކަމުގައި އަމަލު ކުރާނެ ގޮތްތަކަށް ބަދަލުތަކެއް ގެނެސް އާންމު ކޮށްފައެވެ. އެ ބަދަލާ އެކު ބައެއް ކުދިން ކަރަންޓީން ވާން ޖެހޭ މުއްދަތާއި ޓެސްޓު ހެދުން ފަދަ ކަންކަމުގައި އަމަލު ކުރާނެ އުސޫލުތަކުގައި އޮޅުންތަކެއް އުޅޭތީ ބައެއް ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އެއް ސްކޫލެއްގައި ކިޔަވާ ދެ ދަރިވަރެއްގެ މަންމައަކު ބުނީ، އެގޭ އެންމެން ކޮވިޑަށް ޕޮޒިޓިވް ވީ މީހެއްގެ ޑައިރެކްޓް ކޮންޓެކްޓަށް ވެފައިވާ ކަމަށެވެ. އެ ކުދިންގެ މުދައްރިސަށް އެކަން ހިއްސާކޮސް ހަދަންވީ ގޮތް އޮޅުން ފިލުވުމުން ،ދެ ޓީޗަރުން ދިނީ ތަފާތު ޖަވާބެއް ކަމަށް އޭނާ ބުނެއެވެ. އެއް ކުއްޖަކު ކަރަންޓިންުގައި 10 ދުވަހު މަޑު ކުރުމަށް ފަހު ޓެސްޓް ނުހަދާ ނުކުމެވޭނެ ކަމަށް ބުނި އިރު އަނެއް ކުއްޖާ ކަރަންޓީންގައި 14 ދުވަހު ހުންނަން ޖެހޭނެ ކަމަށާއި އަލާމާތެއް ނެތަސް ޓެސްޓު ހަދަން ޖެހޭނެ ކަމަށް ސްކޫލުން ބުނި ކަމަށް އެ ބެލެނިވެރިޔާ ބުނެއެވެ.

މަޖީދިއްޔާ ސްކޫލް ގެ ދަރުިވަރުންގެ ތެރެއިން ގްރޭޑް 7 ގެ ދަރިވަރުން ސްކޫލް ކޮމްޕައުންޑަގައި / ފޮޓޯ: މަޖީދިއްޔާ ސްކޫލް

މި ކަމާ ގުޅިގެން އެޗްޕީއޭ އިން ބުނީ، ކުޑަކުދިން ކަރަންޓީން ވުމުގައި އަމަލު ކުރަންޖެހޭ ގޮތާއި އެ ކުދިން ކިޔަވާ މާހައުލަށް ގެންދިއުމުގައި އަމަލު ކުރާ ގޮތުގައި ތަފާތުތަކެއް ހުންނާނެ ކަމަށެވެ. އެއީ ސްކޫލް ދަރިވަރުންގެ ތެރެއިން ވެކްސިން ޖެހި އުމުރު ފުރައަކާ ވެކްސިން ނުޖަހާ އުމުރު ފުރައެއް އުޅޭތީ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ތިބި ދަރިވަރުން، ކޮވިޑް ޕޮޒިޓިވް މީހަކާ ކޮންޓްކްޓް ވެއްޖެ ނަމަ ކަރަންޓީން މުއްދަތު 5 ދުވަސް ނުވަތަ 10 ދުވަހަށް މަޑު ކުރޭވޭނެ ކަމަށެވެ. 5 ދުވަހު މަޑު ކުރުމަށް ފަހު އެ ކުއްޖާއަށް ސްކޫލަށް ހާޒިރު ވެވޭނީ ޕީސީއާރް ނެގެޓިވް ނަތީޖާއަކާ އެކުގައި ކަމަށާއި 10 ދުވަސް ކަރަންޓީން މުއްދަތު ފުރިހަމަ ކޮށްފައި ސްކޫލަށް ދާން މަޑު ކުރާ ނަމަ ބަލީގެ އެއްވެސް އަލާމާތެއް ނެތިއްޔާ ޕީސީއާރް ޓެސްޓު ނުހަދާ ސްކޫލަށް ދެވޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ސްކޫލެއްގެ ދަރިވަރުން އެސެމްބްލީގަޑީގައި

ނަމަވެސް އެއީ ވެކްސިން ނުޖަހާ އުމުރު ފުރާގެ ކުއްޖެއް ނަމަ އެ ކުއްޖަކު 14 ދުވަހު ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި އަދި ސްކޫލަށް ހާޒިރު ވެވޭނީ ނެގެޓިވް ޕސީއާރް ޓެސްޓަކާ އެކުގައި ކަމަށް އެޗްޕިއޭއިން ބުނެއެވެ. ވެކްސިން ނުޖަހާ ކުއްޖާގެ ގައިގައި ބަލީގެ އެއްވެސް އަލާމާތެއް ނެތް ކަމުގައި ވިޔަސް ޕީސީއާރް ޓެސްޓު ހަދަން ޖެހޭނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން ދިއުމުން ކްލާސްތަކަށް ކުދިން ހާޒިރުވެ ކިޔަން ޖެހޭ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގެ ގްރޭޑް 1 އިން 5 އާ ދެމެދުގެ ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހޭނީ އެއް ހަފްތާގައި ދެ ދުވަހު އަނެއް ހަފްތާގައި ތިން ދުވަހުއެވެ. ނަމަވެސް ގްރޭޑް 6 އިން 10 އަކާ ދެމެދުގެ ދަރިވަރުން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާން ޖެހެއެވެ.

މާލޭ ޒޯން ސަރަހައްދުގައި ދަރިވަރުން ސްކޫލްތަކަށް ހާޒިރުވަނީ/ފޮޓޯ: އެމްއޯއީ

މިގޮތަށް އަމަލު ކުރަމުން ދާ އިރު ކޮންމެ ކްލާހެއް ވެސް ދެ ބަޔަކަށް ބަހާލައިގެން ކުދިން ގެންދާ ގޮތަށް ހަމަޖއްސާފައި ވަނީ ކްލާހުގައި ކުދިން މަދުކޮށް ގައިދުރު ކަމާއެކު ކިޔަވައި ދިނުމަށެވެ. އަދި ގްރޭޑް 6 އިން މަތީގެ ކުދިން ހަފްތާގެ 5 ދުވަހު ސްކޫލަށް ހާޒިރުވާ ގޮތަށް ހަދާފައި ވަނީ ވެސް އެ ކުދިންނަކީ ވެކްސިން ޖަހަފައި ތިބި ކުދިންނަށް ވުމުންނެވެ.

ސްކޫލަށް ކުދިން ފޮނުވާއިރު، ބަލީގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ އެ ކުއްޖަކު ސްކޫލަށް ނުގެންގޮސް ކޮވިޑް ބައްޔަށް ޓެސްޓު ކުރުމަކީ މި ވަގުތު ގިނަ ބައެއްގެ ރައްކަލަކަށް ކުރަން މުހިއްމު ކަމެކެވެ. އަދި ކުދިންނާއި ބޮޑެތި މީހުންވެސް މާސްކް އެޅުމާއި ގައިދުރުކަން ދެމެހެއްޓުމުގެ އިތުރުން ގިނަގިނައިން އަތް ދޮންނަން އާދަ ކުރަން ވާނެއެވެ.