މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި ގާއިމް ކޮށްފައިވާ ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑުގެ ތެރެއަށް ހުޅުލެ ގްރިޑް އިތުރުކޮށް، އިންޓަކަނެކްޝަން މެދުވެރިކޮށް ސްޓެލްކޯއިން ކަރަންޓު ދޭން ފަށައިފިއެވެ.

ސްޓެލްކޯއިން ބުނީ، ގްރޭޓާ މާލެ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުލެއަށް ކަރަންޓު ދޭން ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުން ފެށިގެން ކަމަށެވެ.

ސްޓެލްކޯއިން ބުނިގޮތުގައި ހުޅުލޭގެ ގްރިޑާއި، އެ ކުންފުނީގެ ގްރިޑް ގުޅާލާފައިވަނީ އެމްއޭސީއެލް އާ އެކު މިމަހުގެ ހަވަނަ ދުވަހު ހުޅުލެއަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި ދެ ކުންފުނީގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ.

ގްރޭޓާ މާލެ އިންޓަކަނެކްޝަން ގްރިޑަކީ ކަރަންޓުގެ ސިނާއަތުގައި މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެ މަޝްރޫއުގެ ދަށުން މިހާރު ވަނީ ރާއްޖޭގައި މިހާތަނަށް ބަހައްޓާފައިވާ އެންމެ ބޮޑެތި ޓްރާންސްފޯމަރުތައްވެސް ބަހައްޓާފައި ކަމަށާއި، އެގޮތުން މާލެ އާއި ހުޅުމާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރު ބަހައްޓާފައިވާއިރު، ހުޅުލޭގައި އަށް އެމްވީއޭގެ ދެ ޓްރާންސްފޯމަރު ބަހައްޓާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ކަރަންޓުގެ ހިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިތިބި ސްޓެލްކޯގެ އަމާޒަކީ، ކަރަންޓުގެ މަސައްކަތްތައް ފުރިހަމަ ކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި، ކަރަންޓުގެ މައްސަލަތައް ހައްލުކޮށްދީ، ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތް ކުރުމުގައި ދެމި ތިބުމެވެ.

ހުޅުލެއަށް ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް މިމަހުގެ ހަވަނަ ދުވަހު ސްޓެލްކޯ އާ ހަވާލު ކުރުމާ ހަމައަށް، ހުޅުލެއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން އައީ އެމްއޭސީއެލުންނެވެ.