ދިވެހި ރައްޔިތުންގެ ހާލަތު ރަނގަޅުވުމަށް ބޭނުންވާ ސިޔާސަތުތައް ތަންފީޒު ކޮށް އަދި ބޭނުންވާ ތަރައްގީ ގެނެވޭނީ އެމްޑީޕީއަށް ކަމަށާއި، އެހެންކަމުން އެމްޑީޕީއަށް ވެރިކަމުގެ އިތުރު ދެ ދައުރު ބޭނުންވާ ކަމަށް، އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން ޖަލްސާގައި ށ. ފޯކައިދޫގައި ރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، އުމްރާނީ ބިނާތަކަކުން އާންމުންގެ ހާލަތު ބަދަލުވާނެ ކަމަށް ވާހަކަ ދެއްކުމަކީ ކުށް ހީއެއް ކަމަށާއި، ނަމަވެސް ތަރައްގީއަކީ އެއްވެސް ދަތިކަމެއް ނެތި އާންމުންނަށް ދިރިިއުޅެވޭނެ ގޮތް މަގުފަހިވުން ކަމަށެވެ.

"ތަރައްގީއަކީ އަޅުގަނޑު އެބަ ދަންނަވަން، ތިމަންނާއަށް ވާ ގޮތެކޭ، މީހާއަށް އަންނަ ބަދަލެކޭ. ބޭނުންވަނީ އާންމު ހާލަތު ރަނގަޅުވުން. ހާސްކަމެއް ނެތި ދިރިއުޅެވޭނެ ގޮތެއް އަޅުގަނޑުމެންނަށް ލިބުން."
މުހައްމަދު ނަޝީދު, އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދު ވިދާޅުވި ގޮތުގައި، އެމްޑީޕީ އުފެދިގެން އައީ އަދި ހިނގަމުން އަންނަނީ އާންމުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އާންމުންގެ ހާލަތު ރަނގަޅު ކުރެވޭނެ ގޮތްތައް ހޯދައި، އެކަންކަން ކުރާނެ ގޮތް ކިޔައިދިނުމަކީ ދިވެހިން އެދޭ އަދި ގަބޫލުކުރާ ގޮތް ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.

ހަމަ އެއާއެކު، އަދިވެސް އެމްޑީޕީން ބޭނުންވާ އަމާޒަށް ވާސިލް ނުވެވޭ ކަމަށާއި، އެ އަމާޒަށް ވާސިލް ވުމަށްޓަކައި އަންނަ އިންތިހާބުގައި ލާ ވޯޓުގެ އިތުރުން، އިތުރު ދިހަ އަހަރަށް ރާއްޖޭގެ ވެރިކަން އެ ޕާޓީއަށް ދޭން ޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ސަރުކާރުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ ވެރިކަމުގައި އަދި އެބަ ދިހަ އަހަރު ތިބެންޖެހޭ. މި ދިވެހި ރާއްޖެ ބަދަލުވުމަށް ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އާންމު ހާލަތު ރަނގަޅުވުމަށް އަޅުގަނޑުމެން މި ހިންގާ ސިޔާސަތުތައް، ތިޔަބޭފުޅުންގެ ތަސައްވަރު، އެބަ އަޅުގަނޑުމެން ބަލައިގަންނަން ޖެހޭ އަދި ތަންފީޒުކޮށް ހިންގަން ޖެހޭ."
މުހައްމަދު ނަޝީދު, އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް

ނަޝީދު ވަނީ، ރާޝިދަށް ވޯޓު ދިނުމަށް ފޯކައިދޫ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކޮމަންޑޫ ދާއިރާގައި ހިމެނެނީ ކޮމަންޑޫގެ އިތުރުން ފޯކައިދުއާއި މަރޮށްޓެވެ. އެ ދާއިރާއަށް ދެން ވާދަކުރާ އެމްއެންޕީ އާއި އިދިކޮޅު ކޯލިޝަނުންވެސް ދަނީ ފޯރިއާއެކު ކެމްޕެއިން ހަރަކާތްތައް ހިންގަމުންނެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ބާއްވާއިރު، އެ ދާއިރާގެ ގޮނޑި ހުސްވެގެން ދިޔައީ، އެ ދާއިރާ ތަމްސީލް ކުރައްވަމުން ގެންދެވި އެމްޑީޕީގެ މެންބަރު ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅެއްގައި އުޅުއްވަނިކޮށް މިދިޔަ މަހުގެ 14 ވަނަ ދުވަހު އަވަހާރަވުމުންނެވެ.