ދިރާގު ޕްރީޕެއިޑް ކޮމްބޯ އެކްޓިވޭޓް ކޮށްފައިވާ ކަސްޓަމަރުންނަށް ދަންވަރު ހިލޭ ޑޭޓާ ލިބޭ 'ނައިޓް އެލަވަންސް' ތައާރަފު ކޮށްފިއެވެ.

ދިރާގުން ބުނީ، މި ޕްރޮމޯޝަންގެ ދަށުން ދިރާގު މޮބައިލް ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް އޯލް އިންކްލޫސިވް ޑޭޓާ ޕްލޭންތަކާ އެކު، ދިރާގު ޕްރީޕެއިޑް ކޮމްބޯ ޑާޓާ އެކްޓިވޭޓް ކޮށްލައިގެން އިތުރު ޑޭޓާ ޕްލޭންތައް ވެސް ލިބޭނެ ކަމަށެވެ.

ޕްރީޕެއިޑް ކޮމްބޯ ޕްލޭނެއް އެކްޓިވޭޓް ކޮށްގެން އިތުރު ޑޭޓާ ލިބޭ ގޮތަށް އަލަށް ތައާރަފް ކުރި 'ނައިޓް އެލަވަންސް' ބޭނުން ކުރެވޭނީ ދަންވަރު 1:00 އިން ހެނދުނު 7:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ދިރާގުން ބުނެއެވެ. އެކި ޑޭޓާ ޕްލޭންތައް ހިޔާރުކޮށްފައި ވި ކަމުގައި ވިޔަސް ދަންވަރު 1 ގެ ފަހުން ޑޭޓާ ބޭނުންކުރާ ނަމަ ފުރަތަމަ ޑޭޓާ ކަނޑާނީ ނައިޓް އެލަވަންސުން ކަމަށް ދިރާގުން ބުނެއެވެ.

މީގެ އިތުރުން، މި ޕްރޮމޯޝަންގެ ދަށުން ސްޓްރީމިން، ޗެޓް އަދި ސޯޝަލް މީޑިއާއަށް ލިބޭ ޑޭޓާ އެލަވަންސްތަކުގައި ހިލޭ ޕެރިކްސް ވެސް ލިބޭނެއެވެ. މީގެ ސަބަބުން ކަސްޓަމަރުންނަށް އިތުތު އެޑްއޮންސްތައް އެކްޓިވޭޓް ކުރުމަކާ ނުލައި ފަސޭހަ ކަމާއެކު އިންޓަނެޓް ބޭނުން ކުރުމުގެ ފުރުސަތު ފަހިވެެގެން ދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ކޮމްބޯ ޕްލޭންތައް އެކްޓިވޭޓް ކުރަން ބޭނުން ވާ ނަމަ، ދިރާގު އެޕް މެދުވެރިކޮށް ނުވަތަ ކީވޯޑް 343 ޖަހާފައި އެސްއެމްއެސްއެއް ކޮށްގެން އެކްޓިވޭޓް ކުރެވޭނެއެވެ. މި ޕްލޭންތައް އެކްޓިވޭޓް ކުރުމަށް ހަރަދުވާނީ މަހަކު 250 ރުފިޔާއަށް ވުރެ ދަށް އަދަދެއް ކަމަށް ދިރާގުން ބުނެއެވެ. މި ޕްލޭންތަކަކީ ދިރާގު ޕްރީޕެއިޑް އަދި ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް އޮތް ޕްލޭންތަކެކެވެ.