ދަރިވަރުންނަށް ކިޔަވައިދޭ ވަގުތު މޫނު ފެންނަގޮތަށް ތިބުމަށް ޓީޗަރުންނަށް އަންގާފައިވަނީ، ޓީޗަރުންގެ މޫނު މައްޗަށް ގެންނަ ހަރަކާތްތަކުގެ ސަބަބުން، ދަރިވަރުންނަށް ފިލާވަޅު ފަހުމުވުމުގައި ފަސޭހަވާ ކަމަށް ކަމާބެހޭ މާހިރުން އެއްބަސްވާތީ، ދަރިވަރުން އެ ފުރުސަތުން މަހުރޫމްވިޔަ ނުދިނުމަށްޓަކައި ކަމަށް، އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އެޅުން މަނާކުރީ ކީއްވެކަން ސާފުކޮށް ނެރުނު ބަޔާނުގައި އެޑިއުކޭޝަން މިނިސްޓްރީން ބުނީ، 2019 އިން ފެށިގެން މޫނު ބުރުގާ އަޅައިގެން ޓީޗަރުންނަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް ހުއްދަ ދީފައިވާއިރު، ސްކޫލްތަކުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުންނަށްވެސް މޫނު ބުރުގާ މަނާނުކުރާ ކަމަށާއި، އެ ނިންމުމަށް ބަދަލެއް ނުގެންނަ ކަމަށެވެ.
ނަމަވެސް، މޫނު ބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް އެ ފުރުސަތު ދިނީ ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ހަމަ އެއާއެކު، ނަގައިދޭ ފިލާވަޅުތަކަށް ދަރިވަރުން ޝައުގުވެރި ކުރުވުމަށްޓަކައިވެސް ޓީޗަރުންގެ ނަންވާބަލް ބިހޭވިއާ ނުވަތަ އިޝާރާތްތައް މުހިންމު ދައުރެއް އަދާކުރާ ކަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ
މި ދުވަސްވަރު މާސްކު އަޅައިގެން އުޅެން ޖެހުމާއި، އެޑިއުކޭޝަންގެ މި ނިންމުމާ ތައާރުޒުވާތީ، އެ މިނިސްޓްރީއަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެމުން އެ މިނިސްޓްރީން ބުނީ، މާސްކް އަޅަން އަންގާފައިވަނީ ކޮވިޑް-19 އާ ގުޅިގެން އައި ހާއްސަ ހާލަތުގެ ސަބަބުން މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ކަމަށެވެ.
ކިޔަވައިދޭ ވަގުތު މޫނު ބުރުގާ އެޅުން މަނާކޮށް އެޑިއުކޭޝަނުން ބަޔާނެއް ނެރެފައިވާއިރު، ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން ވަނީ، ސްކޫލްތަކުގައި މޫނު ބުރުގާ އަޅައިގެން ޓީޗަރުން ކިޔަވައިދޭ އިރު އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށާއި، ދަރިވަރުންނަށް ކިޔަވައިދޭއިރު، ޓީޗަރުންނަކީ ކޮން ބައެއްކަން ދަރިވަރުންނަށް އެނގެން ޖެހޭނެ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ނަމަވެސް، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީން ވަނީ މޫނު ބުރުގާ އަޅައިގެން މަސައްކަތް ކުރުމަށް ޓީޗަރުންނަށް ހުރަސްނޭޅުމަށް އެޑިއުކޭޝަން މިނިސްޓްރީއަށް ގޮވާލައި، ބަޔާނެއް ނެރެފައެވެ.
މިނިސްޓަރު ހުންނަގޮތަށްތޯ ޓީޗަރުންވެސް ތިބެންވީ