ބ. ކަމަދުއާއި ގއ. ދާންދޫގެ ބަނދަރު މަޝްރޫއުގެ މަސައްކަތްތައް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، މި ދެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކުރިކަމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ.
އެމްޓީސީސީ އާ އެ މަޝްރޫއުތައް ހަވާލުކޮށްފައި ވަނީ ދައުލަތުގެ ބަޖެޓުން 117.8 މިލިއަން ރުފިޔާއަށެވެ. އެއީ ކަމަދޫގެ ބަނދަރު މަރާމާތު ކުރުމަށް 47 މިލިއަން ރުފިޔާ އާއި، ދާންދޫގެ ބަނދަރު ބޮޑުކުރުމަށް 71 މިލިއަން ރުފިޔާއެވެ.
ކަމަދޫ ބަނދަރު މަރާމާތު ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:
މި މަޝްރޫއުގެ ދަށުން، 25.404 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި،، 180 މީޓަރު ބޭރުތޮށި ޖެހުމާއި، 826 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 346 މީޓަރު އެއްގަމު ތޮށި ޖެހުން ފަދަ މަސައްކަތްތައް ކުރާނެއެވެ. އެ މަޝްރޫއުގެ ދަށުން އިތުރަށް ކުރާ މަސައްކަތްތަކަކީ:
- 70 މޫރިން ރިންގު ހަރުކުރުން
- 10 މޫރިން ބޮއި ހަރުކުރުން
- 11 މީޓަރު 11 މީޓަރުގެ ރޭމްޕެއް ހެދުން
- 1،730 އަކަ މީޓަރުގެ ޕޭމަންޓެއް ހެދުން
- 17 މަގު ބައްތި ޖެހުންދެ ނަރު ބައްތި ހަރުކުރުން
ދާންދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތައް:
މި މަޝްރޫއުގެ ދަށުން، 81،404 ކިއުބިކް މީޓަރު ބަނދަރު ފުންކުރުމާއި، 333 މީޓަރު ބޭރުތޮށި ޖެހުމާއި، 370 މީޓަރު ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރު ގްރޮއިން ޖެހުމާއި، 529 މީޓަރު އެއްގަމު ތޮށި ޖެހުމާއި، 104 މޫރިން ރިންގު ހަރުކުރުމާއި، 10 މޫރިން ބޮއި ހަރުކުރުން ފަދަ މަސައްކަތްތައް ކުރާނެއެވެ. އެ މަޝްރޫއުގެ ދަށުން އިތުރަށް ކުރާ މަސައްކަތްތަކަކީ:
- 30 މީޓަރު 4 މީޓަރުގެ ކޮންކްރީޓް ބްރިޖެއް އެޅުން
- 100 މީޓަރު 3 މީޓަރުގެ ކޮންކްރީޓް ޖެޓީ އެޅުން
- 10 މީޓަރު 9 މީޓަރު ރޭމްޕެއް ހެދުން
- 3747.71 އަކަ މީޓަރުގެ ޕޭމަންޓެއް ހެދުން
- 36 މަގުބައްތި ޖެހުންދެ ނެރު ބައްތި ހަރުކުރުން
މި މަޝްރޫއުތަކުގެ ތެރެއިން، ކަމަދޫގެ ބަނދަރު މަރާމާތުކޮށް 400 ދުވަހުގެ ތެރޭ ނިންމަން ޖެހޭއިރު، ދާންދޫގެ ބަނދަރު ބޮޑުކޮށް 485 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.
މިހާރުވެސް އެމްޓީސީސީން ދަނީ ބައެއް ރަށްރަށުގައި ބަނދަރު ހެދުމުގެ މަޝްރޫއުތައް ހިންގަމުންނެވެ.