ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ރީ-ރަޖިސްޓަރީ ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓަރީ ވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީ ވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 24 ވަނަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ރަޖިސްޓަރީ ވާނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގެ (ށ.ކޮމަންޑޫ، ށ.ފޯކައިދޫ، ށ.މަރޮށި) ރައްޔިތުން ކަމަށް ވެސް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ 2021 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވިލިމާލެ އަދި ހުޅުމާލޭގައި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ މި ދާއިރާގެ ރައްޔިތުން މިހާރު މާލެއަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އަދި މާލެ ފިޔަވައި، (ދާއިމީ އެޑްރެސް ނިސްބަތްވާ ރަށް ނޫން) އެހެން ތަނެއްގައި ރަޖިސްޓަރީ ކޮށްފައިވާ ނަމަ، އެފަރާތެއް ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކޮށްފައި ކަމަށެވެ.

މި އިންތިހާބުގައި މި ދާއިރާގެ ރައްޔިތުން ވޯޓުލުމަށް ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވަނީ މާލެސިޓީގައާއި މި ދާއިރާގެ ރަށްތައް ކަމުގައިވާ ށ. ކޮމަންޑޫ، ށ. ފޯކައިދޫ އަދި ށ. މަރޮށީގައި ކަމަށްވާތީ، ވޯޓުލުމަށް ރަޖިސްޓަރީ ކުރެވޭނީ މި ތަންތަނަށް ކަމަށް ވެސް އީސީން ބުނެއެވެ.

މިހާރު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ތަނުގެ މައުލޫމާތު VR space IDNO Send to 1414 އެސްއެމްއެސް މެދުވެރިކޮށް ޗެކްކުރެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.

އީސީން ބުނީ ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅާނީ އޮންލައިންކޮށް އިލެކްޝަންސް ކޮމިޝަންގެ ރީ-ރަޖިސްޓްރޭޝަން ޕޯޓަލް މެދުވެރިކޮށް ނުވަތަ މާލެސިޓީގެ އިންތިހާބާ ބެހޭ މަރުކަޒަށް ގޮސް ފޯމު ހުށަހަޅައިގެން ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ މަހުގެ 14 ގައި އަވަހާރަވުމުންނެވެ. އެއާއެކު ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ކުރިމަތިލުމަށް އީސީން ހުޅުވާލި ފުރުސަތުގައި އެ ދާއިރާއަށް ކުރިމަތިލާފައި ވަނީ އެމްޑީޕީންނާއި، އިދިކޮޅު ކޯލިޝަނުގެ އިތުރުން އެމްއެންޕީންނެވެ.