ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދު މަރާލި ތުހުމަތުގައި ހައްޔަރު ކުރި ހ. އަންނާރުމާގެ، އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ، އަހްމަދު ޒިހާން އިސްމާއިލް އުމުރަށް ޖަލަށް ލާން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ މަންމަ ޝަފީގާ ބުނީ ޔާމީންގެ މަރުގެ މައްސަލާގައި ކުށްވެރިވާ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ. އަދި އޭގެ ބަދަލުގައި މަރުގެ ދިޔަ އަށް އެދޭ ކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި އެ ފައިސާއިން ޔާމީންގެ ނަމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ފުރުސަތު އޮންނާނެ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
މި އަޑުއެހުމުގައި ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ، އޭނާގެ ދަރިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ދަރިފުޅު މަރާލި މީހުންނަށް މަރުގެ އަދަބު ދޭން އޭނާ ބޭނުންވާ ކަމަށެވެ.
އެހެންކަމުން އުމުރަށް ޖަލަށްލުމުގެ އިތުރުން 1.3 މިލިއަން ރުފިޔާ މަރުގެ ދިޔައިގެ ގޮތުގައި ދިނުމަށް ވެސް އެ ދެ މީހުންނަށް ކުރި ހުކުމްގައި ބުނެފައި ވެއެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އުސޫލުގައިވާ ގޮތުން މަރަށް މަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން މަރަށް މަރު ހިފުމަށް ބޭނުންވާ ނަމައެވެ. އަދި މަރަށް މަރު ހިފުމަށް ވާރިސުންގެ ތެރެއިން އެކަކު އިންކާރު ކުރިނަމަވެސް މަރަށް މަރު ނުހިފޭނެއެވެ.
ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާގޭގެ ސިޑި ކައިރިން 2017 ވަނަ އަހަރުގެ އޭޕްރީލްގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައި ވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް އެ ހޮސްޕިޓަލުން ބުނެފައި ވެއެވެ.
ޔާމީން މަރާލާފައި ވަނީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލަދީގެން ކަމަށް ވާއިރު، އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހެރުމުގެ އިތުރުން އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ދީފައި ވެއެވެ.