ރާއްޖޭގެ ސްޓްރީމިން ޕްލެޓްފޯމްތަކުން އަހަރީ ލައިސަންސް ފީ ނަގަން ނިންމައި، ބްރޯޑްކާސްޓިން ހިދުމަތްތައް ރަޖިސްޓްރީކުރަން ނަގާ ފީ ދަށްކުރަން ނިންމައިފިއެވެ.

ބްރޯޑްކޮމް އިން އިއްޔެ އާންމުކުރި ބްރޯޑްކާސްޓިންގެ އާ ގަވައިދުގައިވާ ގޮތުން، ހިދުމަތުގެ އަސްލަށް ބަލައި، ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ވަނީ ހަތަރު ބަޔަކަށް ބަހާލާފައެވެ. އެ ބައިތަކަކީ:

  • ރޭޑިއޯގެ ހިދުމަތް
  • ޓީވީގެ ހިދުމަތް
  • އޯޓީޓީ އޯޑިއޯ
  • އޯޓީޓީ ވިޒުއަލް

އޭގެ ތެރެއިން އޯޓީޓީ ވިޒުއަލާއި އޯޓީޓީ އޯޑިއޯ ހިމެނެނީ ސްޓްރީމިން ޕްލެޓްފޯމްތަކުގެ ގޮތުގައެވެ.

ހަމަ އެއާއެކު، ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތްތައް ރަޖިސްޓްރީ ކުރުމަށް ނަގާ ފީ އާއި ބްރޯޑްކާސްޓް ކުރުމަށް ދޫކުރާ ފީވެސް ވަނީ ވަރަށް ބޮޑަށް ދަށްކޮށްފައެވެ. މީގެ ކުރިން ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތެއް ރަޖިސްޓްރީކުރަން 2،000ރ. ދައްކަން ޖެހުނަސް، ދެން ދައްކަން ޖެހޭނީ 500ރ. އެވެ.

އަހަރެއްގެ މައްޗަށް ދައްކަން ޖެހޭ ފީއަށް ގެނައި ބަދަލުތައް

  • ރޭޑިއޯ: 10،000ރ.
  • ޓީވީ: 20،000ރ.
  • އޯޓީޓީ އޯޑިއޯ: 2،000ރ.
  • އޯޓީޓީ ވިޒުއަލް: 2،000ރ.

އިއްޔެއިން ފެށިގެން މި ގަވައިދަށް ވަނީ އަމަލުކުރަން ފަށާފައެވެ. މި ގަވައިދުގެ ދަށުން ހަދަންޖެހޭ ބްރޯޑްކާސްޓް ކުރުމުގެ ލައިސެންސާ ގުޅޭ އުސޫލާއި ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އުސޫލު ކުރިއަށް އޮތް ތިން މަހުގެ ތެރޭ އެކުލަވާލަން ޖެހެއެވެ.