މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް، ދ. މީދޫ، ބިއްލޫރިވިލާ ސަފާ ޝަފީގު އައްޔަން ކޮށްފިއެވެ.

ސަފާ މި މަގާމަށް އައްޔަން ކުރައްވައި މަގާމުގެ ލިޔުން ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރު ކުރީގައި ރައީސް އޮފީހުގައެވެ.

ސަފާއަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން، މާސްޓާ އޮފް އާޓްސް އިން ސޯޝަލް ޕޮލިސީ، އަދި ލިމްކޮކްވިންގް ޔުނިވާސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން މާސްޓާ އޮފް ކޮމިއުނިކޭޝަން ހާސިލް ކުރައްވާފައި ވާ ފަރާތެކެވެ.

ސަފާ ވަނީ، 2006 ވަނަ އަހަރުން ފެށިގެން، ޓީވީއެމްގެ ޕްރޮގްރާމްތައް ހުށައަޅުއްވަން ފަށްޓަވާފައެވެ. އެންމެ ފަހުން ހުންނެވީ، ޕަބްލިކް ސާވިސް މީޑިއާގެ ޓީވީއެމްގެ ޕްރެޒެންޓަރުގެ މަގާމުގައެވެ.

ބްރޯޑްކޮމުގެ މެންބަރުގެ މަގާމެއް ހުސްވީ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ގައިސް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ގައިސް އިސްތިއުފާ ދެއްވުމާ ގުޅިގެން، ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ހަ މެންބަރުންނެވެ. އެއީ އެ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި، މެންބަރުން ކަމަށްވާ އަލީ ޔޫސުފާއި އަމްޖަދު ވަހީދާއި މުހައްމަދު ފަޒީންގެ އިތުރުން، އައިމިނަތު އަނާ އާއި ޝިފްލާ އިބްރާހީމެވެ