މިދިޔަ ޑިސެމްބަރު މަހު 4.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް، ކަސްޓަމްސް އިން ބުނެފިއެވެ.

ކަސްޓަމްސް އިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު 4.5 ބިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައި ވާއިރު، އޭގެ ކުރީ ޑިސެމްބަރުގައި 2.5 ބިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެ ކޮށްފައެވެ. އެހެންކަމުން އެއީ 78 ޕަސެންޓުގެ އިތުރުވުމެކެވެ.

މީގެ އިތުރުން، މިދިޔަ ޑިސެމްބަރުގައި ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2020 ޑިސެމްބަރުގަައި ދައުލަތަށް އާމްދަނީގެ ގޮތުގައި 296 މިލިއަން ރުފިޔާ ލިބިފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 364 މިލިއަން ރުފިޔާއެވެ. އެހެންކަމުން އެއީ 23 ޕަސެންޓު އިތުރުވުމެކެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް، ރާއްޖޭގެ އެކްސްޕޯޓް ވަނީ 2020 ޑިސެމްބަރާ އަޅާ ބަލާއިރު 28 ޕަސެންޓު ދަށްވެފައެވެ. އެގޮތުން 2020 ޑިސެމްބަރުގައި ރާއްޖޭން 457 މިލިއަން ރުފިޔާގެ މުދާ ބޭރުކުރި އިރު، މިދިޔަ މަހު ބޭރުކޮށްފައި ވަނީ 327 މިލިއަން ރުފިޔާގެ މުދަލެވެ.

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ޔޫއޭއީ އާއި ޗައިނާ އާއި، އިންޑިއާ އާއި، އޮމާނުންނެވެ. ޔޫއޭއީން 713 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ޗައިނާއިން 575 މިލިއަން ރުފިޔާގެ މުދާ، އިންޑިއާ އިން 504 މިލިއަން ރުފިޔާގެ މުދާ، އަދި އޮމާނުން 487 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ.

ހަމަ އެއާއެކު ރޯޔަލްޓީގެ ގޮތުގައި ކަސްޓަމްސްއަށް މިދިޔަ މަހު 10.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ.