މިދިޔަ މާޗު މަހު ރާއްޖެއިން ބޭރުގެ މާރުކޭޓުތަކަށް އެކްސްޕޯޓްކުރި މަހުގެ އުފެއްދުންތައް އޭގެ ކުރީ މަހާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިދިޔަ މާޗު މަހު ރާއްޖެއިން ވަނީ ޖުމްލަ 69 މިލިޔަން ރުފިޔާގެ މަސް ބޭރުކޮށްފައެވެ. މިއީ މިއަހަރުގެ ފެބުރުވަރީ މަހު އެކްސްޕޯޓްކުރި 51 މިލިޔަން ރުފިޔާގެ މަހާ އަޅާބަލާއިރު 35 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ.

މި ކުރިއެރުމުގެ އެންމެ ބޮޑު ހިއްސާއެއް އަދާކޮށްފައިވަނީ ދަޅުގައި ބަންދުކުރި މަހުގެ ބާވަތްތަކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ދަޅުމަސް އެކްސްޕޯޓްކުރި މިންވަރު ވަނީ 75 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ފެބުރުވަރީ މަހު 29 މިލިޔަން ރުފިޔާގެ ދަޅުމަސް ބޭރުކޮށްފައިވާއިރު، މާޗު މަހު އެ އަދަދު ވަނީ 51 މިލިޔަން ރުފިޔާއަށް އުފުލިފައެވެ.

މާޗު މަހު އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކުގެ ތަފްސީލް:

  • ދަޅުމަސް: 51 މިލިޔަން ރުފިޔާ
  • ގަނޑުކުރި ކަޅުބިލަމަސް: 8 މިލިޔަން ރުފިޔާ
  • ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ

ރާއްޖެއިން މައިގަނޑު ގޮތެއްގައި ބޭރުކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި ކަމަށްވާއިރު، މި ތަކެތި އެކްސްޕޯޓްކުރަނީ ގަނޑުކޮށްގެންނާއި، ތާޒާކޮށް އަދި ދަޅުގައި ބަންދުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ މަސްވެރިކަމުގެ ސިނާއަތުން އިގްތިސާދަށް ކުރާ ފައިދާ މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށެވެ. މިގޮތުން މަސް ޕްރޮސެސްކުރާ މިންވަރާއި ރައްކާކުރާ ކެޕޭސިޓީ އިތުރުކުރުމަށް މިސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފިޝަރީސް މިނިސްޓްރީން ހާމަކުރި ގޮތުގައި، ސަރުކާރުގެ ތަސައްވުރަކީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސް ޕްރޮސެސިން ކެޕޭސިޓީ 9 ގުނައަށް އިތުރުކުރުމެވެ. މިއީ ރާއްޖެއިން ބޭރުކުރާ މުދަލުގެ އެންމެ ބޮޑު ބައެއް ހިއްސާކުރާ މަހުގެ އުފެއްދުންތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.