ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވާ ފައިސާގެ ތެރެއިން މިހާތަނަށް ނުދައްކާ ހުރި 2.8 މިލިއަން ރުފިޔާގެ ފައިސާ ހޯދަން އެ މިނިސްޓްރީން ކޯޓަށް ހުށަހަޅާފައި ނުވާ މައްސަލައެއް ފެންމަތި ވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ބުނީ، 2020 ވަނަ އަހަރުގެ ނިޔަލަށް ޑިފެންސް މިނިސްޓްރީއަށް، އެކި ފަރާތްތަކުން ލިބެންޖެހޭ ފައިސާގެ ތެރެއިން ޖުމްލަ 2,852,973 ރުފިޔާ އެ ފަރާތްތަކުން ގަވައިދުން ދައްކަމުން ނުދާތާ އެތައް އަހަރެއް ވެފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ޝަރީއަތަށް ހުށަހަޅާފައި ވެސް ނުވާ ކަމަށެވެ. އެއީ ޓްރެޝަރީ ލޯނުގެ ގޮތުގައި 13 މުވައްޒަފަކަށް ދޫކޮށްފައި ލޯނުގެ ތެރެއިން 2،812،530 މިލިއަން ރުފިޔާ އާއި ސިފައިންނަށް ބޮޑެތި ކަންކަމުގައި އިންޓަރެސްޓަކާ ނުލައި ދޫކޮށްފައިވާ ލޯނުގެ ތެރެއިން 40،443 ރުފިޔާއެވެ.

ޓްރެޝަރީ ލޯނުގެ ތެރެއިން ނުލިބޭ 2.81 މިލިއަން ރުފިޔާ

ޓްރެޝަރީ ލޯނުތަކަކީ ރައީސް އޮފީހުން މިނިސްޓްރީ އޮފް ފިނޭންސް މެދުވެރިކޮށް، ގެދޮރު އިމާރާތް ކުރުން ފަދަ ކަން ކަމަށް، ދޫކޮށްފައިވާ ލޯނުތަކެކެވެ. މީގެ ތެރެއިން، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންނަށް ދޫކޮށްފައިވާ ލޯނުތައް އަނބުރާ ހޯދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށަށް ވަނީ ބަދަލު ކޮށްފައެވެ.

ނަމަވެސް، މޯލްޑިވިސް ނޭޝަނަލް ޑިފެންސް ފޯސްގެ 13 މުވައްޒަފަކަށް ޓްރެޝަރީ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާގެ ތެރެއިން ޖުމުލަ 2,812,530 ރުފިޔާ ނުލިބޭ މައްސަލައަކީ މިނިސްޓްރީ އޮފް ޑިފެންސްގެ އޮޑިޓް ރިޕޯޓުގައި އެކި ފަހަރު މަތިން ފާހަގަކޮށް، އެ ފައިސާ ދައުލަތަށް އަނބުރާ ހޯދުމަށް ލަފާ ދީފައިވާ ކަމެއް ކަމަށް އޮޑީޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެކަމަށް އެކަށީގެންވާ ފިޔަވަލެއް އަލާފައި ނުވާ ކަމަށް އެ ރިޕޯޓުގައި ބުނެއެވެ.

ޓްރެޝަރީ ލޯނުތަކުގެ މައްސަލަ ޝަރީއަތަށް ހުށަހެޅުމަށްޓަކައި، އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ ލޯނުތަކާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާ އެކީ އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް އަންގާފައިވާ ކަމަށް އޮޑިޓުގައި ބުނެފައި ވެއެވެ. ނަމަވެސް އޮޑިޓް ކުރި ތާރީހް، މެއި 19، 2021 ގެ ނިޔަލަށް ވެސް، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް ޑިފެންސް މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެއެވެ.

ސިފައިންގެއިން ވަކިވި ދެ މުވައްޒަފަކު ނުދައްކާ ހުރި ލޯނުތައް:

މުވައްޒަފުންނަށް ދޫކޮށްފައިވާ ލޯނަކީ ސިފައިންނަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން އިންޓްރެސްޓެއް ނެތި ދޭ ލޯނެކެވެ. މިއީ މަސްދުވަހުގެ ތެރޭގައި އެ މުވައްޒަފެއްގެ މުސާރައިން ކަނޑާ އަދާކޮށް ނިންމާ ގޮތަށް ދޭ ލޯނެކެވެ. މި ލޯނު ދޫކުރަނީ ޑިފެންސް މިނިސްޓްރީން ގާއިމު ކޮށްފައިވާ ރިވޯލްވިން ފަންޑެއް މެދުވެރިކޮށެވެ.

މުވައްޒަފުންގެ ލޯނުގެ ގޮތުގައި މޯލްޑްވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ވަޒީފާ އިން ވަކިވެފައިވާ ދެ މުވައްޒަފަކަށް ދޫކޮށްފައިވާ ފައިސާގެ ތެރެއިން ޖުމުލަ 40,443 ރުފިޔާމިދިޔަ އަހަރުގެ ނިޔަލަށް އަނބުރާ ލިބިފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ. އެ ފައިސާގެ ތެރެއިން 2000 ވަނަ އަހަރުގެ ކުރިން މުވައްޒަފަކަށް ދީފައިވާ ލޯނަކަށް ލިބެން ޖެހޭ ޖުމްލަ 21,443 ރުފިޔާ އާބެހޭ ލިޔެކިޔުންތައް އޮޑިޓަރުންނަށް ލިބިފައި ނުވާކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.

އޮޑިޓް ރިޕޯޓުގައި މިކަން އިސްލާހު ކުރުމަށް އަނގާފައި ވަނީ ޑިފެންސުން ދޫކޮށްފައިވާ ލޯނުތަކުގެ ނުލިބި ހުރި ފައިސާ ހޯދުމަށް ދައުލަތުގެ މާލިއަޔަތު ގަވައިދާ އެއް ގޮތަށް އަމަލު ކުރުމަށެވެ. ހަމައެެއާއެކު އެޓާނީ ޖެނެރަލް އޮފީހުން އެދިފައިވާ ގޮތަށް ޓްރެޝަރީ ލޯނުތައް ހޯދުމަށް ބޭނުންވާ ލިޔެކިޔުންތައް ހަމަކޮށް އެ ލިޔުންތައް ހުށަހަޅައިގެން މައްސލަަ ޝަރިއަތަށް ހުށަހެޅުން އަވަސްކުރުމަށް ވަނީ އެދިފައެވެ.

ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.21ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، ދައުލަތުގެ އޮފީސްތަކަށް ލިބެންޖެހޭ ފައިސާ އެ ފައިސާއެއް ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެ ނުލިބޭނަމަ، 7 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ހަނދާން ކޮށްދީ، ފައިސާ ދައްކަން ޖެހޭ ފަރާތަށް ލިޔުން ފޮނުވަން ވާނެއެވެ. އެ މުއްދަތު ފާއިތުވެ ފައިސާ ނުދައްކައިފި ނަމަ، ފައިސާ ދެއްކުމަށް އިތުރު 7 ދުވަސް ދިނުމަށް ފަހު، އެ މުއްދަތުގައި ފައިސާ ދެއްކުމަށް ލިޔުމަކުން އަންގަން މާލިއަޔަތު ގަވާއިދުގައި ބުނެއެވެ.

އިތުރު ކުރެވުނު މުއްދަތުގައި ވެސް ފައިސާ ނުދައްކައިފި ނަމަ ފައިސާ ހޯދުމުގެ މައްސަލަ ޝަރީއަތަށް ހުށަހަޅައިގެން ކުރިޔަށް ގެންދަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. އަދި ޝަރީއަތުން އެ ފައިސާ ދެއްކުމަށް އެންގުމުން ވެސް އެ ފައިސާ ނުދައްކާނަމަ، އެ މައްސަލަ މިނިސްޓަރީ އޮފް ފިނޭންސްއަށް ހުށަހަޅައިގެން އެ ފައިސާއާ މެދު ވަކިގޮތަކަށް ނިންމުމަށް ވެސް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 5.21 ވަނަ މާއްދާގެ (ށ) ބަޔާންކޮށްފައި ވެއެވެ.