ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާފްލެޓުގެ ކަރަންޓު ކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ކަރަންޓު ލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ ކޭބަލަށް ގެއްލުންވެ، ކަރަންޓު ކެނޑުނު ހިޔާގެ ހުރިހާ ފްލެޓަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައިވާ ކަމަށާއި ދިމާވި ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް ލިބެމުން އަންނަ އެއްބާރުލުމަށް އެ ކުންފުނިން ވަނީ ޝުކުރު ދަންނަވާފައެވެ.

ހިޔާފްލެޓް ތަކަށް ކަރަންޓު ދިނުމަށް އެޗްޑީސީން އަޅާފައިވާ ކޭބަލަކަށް ގެއްލުން ވެފައި ވަނީ އެޗްޑީސީން މަގު ހެދުމަށް ހަވާލު ކޮށްފައިވާ ފަރާތުން ކޮނުމުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ދެވަނަ ފިޔަވައްސަށް ކަރަންޓު ދިނުމުގައި އެ ކުންފުނީގެ ދައުރަކީ ސްޓެލްކޯގެ އިންޖީނުގެއިން ކޭބަލެއް ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ ސަބްސްޓޭޝަނަކަށް ގެންގޮސް އެ ސަބްސްޓޭޝަން މެދުވެރިކޮށް ކަރަންޓު ފޯރުކޮށްދިނުން ކަމަށެވެ.