ކޮވިޑް 19 އަށް ޕޮޒިޓިވް ވާ އަދި ކޮންޓެކްޓުވާ ސިވިލް ސާވަންޓުން ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެފަދަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ސިވިލް ސާވިސްގެ އިދާރާތަކުން ހަމަޖައްސާފައިވާ ކަމަށާއި ސިވިލް ސާވިސްގެ މުވައްޒަފުން މިންގަނޑުތަކާ އެއްގޮތަށް އަމަލު ކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ޕޮޒިޓިވް ވާ މީހުން ކަރަންޓީނުވާން ޖެހޭނީ ބަލީގެ އެއްވެސް އަލާމާތެއް ނެތްނަމަ، އެމީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ސާމްޕަލް ނަގާ ތާރީހުން ފެށިގެން 7 ދުވަހުގެ މުއްދަތަށެވެ.

އެޗްޕީއޭއިން ނެރުނު އިއުލާނުގައި ވާގޮތުން ކޮވިޑް ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައިވާ ކޮވިޑް 19 އަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭނީ ޕޮޒިޓިވް މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 10 ދުވަހުގެ މުއްދަތަށެވެ. އަދި މި 10 ދުވަސް ފުރިހަމަ ވުމުން ބަލީގެ އަލާމާތެއް ނެތްނަމަ އިތުރު ޓެސްޓު ކުރުމަކާނުލައި ކަރަންޓީނުން ދޫކުރެވޭނެއެވެ. ނަމަވެސް ވެކްސިން ފުރިހަމަނުވާ ކޮވިޑް-19 އަށް ޕޮޒިޓިވް ވާ މީހުންގެ ކޮންޓެކްޓުން ކަރަންޓީނު ކުރެވޭ މުއްދަތަކީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓުވި ތާރީހުން ފެށިގެން 14 ދުވަހެވެ.