މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މިވަގުތު ނިޒާމީ ތައުލީމު ފޯރުކޮށް ދިނުމަށް ސަރުކާރުގެ ސްކޫލެއް ގާއިމް ވެފައި ނުވާ ރަށްތައް ކަމަށްވާ ބ. ފެހެންދޫ އަދި ވ. ތިނަދޫ އަދި ވ.ރަކީދޫގެ ރައްޔިތުންނަށް ރަށުން ތައުލީމުގެ ފުރުސަތު ފަހިކޮށްދިނުމަށް، އެ ރަށްތަކުގައި ސެޓެލައިޓް ސްކޫލް މަފްހޫމަށް، ކިޔަވައިދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްތްރީން ބުނީ 2021-2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި މި ސްކޫލްތަކުގައި ކިޔަވާދިނުމަށް ހަމަޖެހިފައި ވަނީ އެލްކޭޖީ އިން ފެށިގެން ގްރޭޑް 8 ގެ ނިޔަލަށް ކަމަށެވެ. މި ރަށްތަކީ ރަށުގައި ދިރިއުޅޭ މީހުންގެ އާބާދީ މަދު ރަށްތަކަކަށް ވުމުން ތަމްރީން ވެފައިވާ ޓީޗަރުން ލިބުމުގެ ދަތިތައް ކުރިމަތިވާ ރަށްތަކެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

ސެޓެލައިޓް ސްކޫލްތައް ފެށިގެން ދާއިރު ކޮންމެ ސްކޫލެއްގައި 2 ޓީޗަރުންނާއި 1 އެޑްމިން އޮފިސަރާކާއި މަސައްކަތު މީހަކު، މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ސެޓެލައިޓް ސްކޫލްތަކަކީ ހައި ސްޕީޑް އިންޓަނެޓް ކަނެކްޝަނެއް މެދުވެރިކޮށް ދަރިވަރުންނަށް ވައިފައިގެ ހިދުމަތް، ކިޔަވާ ހުރިހާ ގަޑިތަކުގައި ވެސް ލިބެން ހުންނާނެ ސްކޫލްތަކެއް ކަމަށާއި މި ނިޒާމުގައި ދަރިވަރުން އެކުދިން އަމިއްލަ ރަށުގެ ސުކޫލަށް ކިޔެވުމަށް ހާޒިރުވާއިރު ޓީޗަރުން ތިބޭނީ މާލޭގެ ހުރަވީ ސުކޫލުގައި ގާއިމް ކޮށްފައިވާ ސެޓެލައިޓް ހަބް ސެންޓަރުގައި ކަމަށެވެ.

މި ޓީޗަރުންނަކީ ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައިދިނުމަށް ހާއްސަ ކުރެވިފައިވާ ޓީޗަރުން ކަމަށް މިނިސްޓްރީން ބުނެއެވެ. މި ޓީޗަރުންނާ އެކު، ސެޓެލައިޓް ސުކޫލުތަކުގައި ދަރިވަރުން ކިޔަވާނީ އޮންލައިންކޮށް ކަމަށާއި މިކަމަށްޓަކައި ކޮންމެ ދަރިވަރަކާއި ޓީޗަރަކަށް، އެންމެ ފަހުގެ ކްރޯމްބުކްސް ފޯރުކޮށްދީފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ މިދަރިވަރުންގެ ކްލާސްތައް ފަރުމާ ކޮށްފައި ވަނީ މިތަކެތި ބޭނުން ކުރެވޭނެ ގޮތަށް ކަމަށެވެ. މީގެ އިތުރުން، ސެޓެލައިޓް ސުކޫލުތަކަށް ކިޔަވައި ދޭ ޓީޗަރުން އެހެން ރަށެއްގައި ތިބި ނަމަވެސް ފެސިލިޓޭޓާ ޓީޗަރުން އަބަދު ވެސް އެކުދިންގެ ކްލާސް ތެރޭގައި އެކުދީންނާ އެކު މަސައްކަތް ކުރާނެ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.

ހަމައެއާއެކު، މި ކުދިންގެ އިތުރު ހަރަކާތްތައް ހިންގުމުގައި ކޮންމެ ސުކޫލަކަށް ބެލެނިވެރި ސުކޫލެއް ހަމަޖެހިފައިވާ ކަމަށާއި ބެލެނިވެރި ސްކޫލްގެ ޒިންމާތަކުގެ ތެރޭގައި ސެޓެލައިޓް ސްކޫލްގެ މާލީ ކަންކަން ބަލަހައްޓައިދިނުމާއި ސެޓެލައިޓް ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށްގެން ކުޅިވަރު ހަރާކާތްތަކާއި އެހެނިހެން ހަރާކާތްތައް ރާވާ، ހިންގުން ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ ބެލެނިވެރި ސްކޫލްތައް ގޮތުގައި ހަމަޖެހިފައި ވަނީ ބ. ގޮއިދޫ ސްކޫލާއި، ވ. ކެޔޮދޫ ސްކޫލް އަދި ވ. އަތޮޅު ތައުލީމީ މަރުކަޒު ކަމަށެވެ.

މި ސްކޫލްގައި ތިބޭ ޓީޗަރުންގެ މަސްއޫލިއްޔަތަކަށް ވާނީ ދަރިވަރުންނަށް އުގެނުމުގައި އިތުރު އެހީތެރިކަން ފޯރުކޮށްދިނުމާއި ކްލާހުގައި ކުރާ މަސައްކަތްތަކަށް ބޭނުންވާ އިތުރު މެޓީރިއަލްސް ފޯރުކޮށްދިނުން ކަމަށާއި މި ޓީޗަރުންނާއި މަރުކަޒީ ސްކޫލްގައި ތިބޭ ޓީޗަރުންނާއެކު ގަވާއިދުން ކޯޑިނޭޝަން ބައްދަލުވުންތައް ބާއްވާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.