ކޮވިޑް 19 އިން ދިފާއުވުމަށް ރާއްޖޭގައި މިހާތަނަށް ތިންވަނަ ޑޯޒް، ނުވަތަ ބޫސްޓާ ޑޯޒް، 32،527 މީހަކު ޖަހައިފި ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2712 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 2123 ބޫސްޓާ ޑޯޒް ޖަހާފައިވާއިރު އަތޮޅު ތެރެއިން 589 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. ފުރަތަމަ ބޫސްޓާ ޑޯޒް ޖަހަމުންއައީ ފްރަންޓް ލައިންގަ މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 60 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުންނަށެވެ. އެހެންނަމަވެސް މި މަހުގެ 15 ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބޫސްޓާ ޑޯޒު ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބޫސްޓާ ޑޯޒް ޖަހާނީ ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން ހަ މަސްދުވަސް ވެފައިވާ މީހުންނަށެވެ. އަދި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ.

މިހާތަނަށް 397،179 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވާއިރު، 368،751 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.