ހުޅުމާލެ ހިޔާފުލެޓްތަކުގެ ކޭބަލަށް ދިމާވި ގެއްލުމަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ.
ސްޓެލްކޯއިން އިތުރަށް ބުނީ އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށެވެ. އަދި މި މައްސަކަތަށް ތިން ހަތަރު ގަޑިއިރެއް ވާނެ ކަމަށް ސްޓެލްކޯއިން ވަނީ ލަފާކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑުނުތާ އަދި މާ ގިނަ އިރެއް ނުވެއެވެ. އެހެންނަމަވެސް ކަރަންޓް ކެނޑުމުން ލިފްޓްތައް މަސައްކަތް ނުކުރާތީ އެކަމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވަމުން އަންނަ ކަމަށް އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އަންނަނީ ބުނަމުންނެވެ.