ކޮވިޑް 19 އާ ގުޅިގެން އުނގޫފާރާއެކު މިވަގުތު 13 ރަށެއް މޮނިޓަރިންގެ ހާލަތުގައި އޮތް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ އިއްޔެ މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ ގދ. ގައްދޫ، ރ. އުނގޫފާރު އަދި ހދ. ހަނިމާދޫ ކަމަށެވެ. މީގެއިތުރުން މި މަހުގެ ތެރޭގައި މޮނިޓަރިންގެ ހާލަތަށް ގެނެއި ހދ. ނެއްލައިދޫ، ލ. ފޮނަދޫ، ހދ. ނޮޅިވަރަންފަރު، ށ. ފުނަދޫ، ބ. ދަރަވަންދޫ، ދ. ބަނޑިދޫ އަދި ލ. ގަން، އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެ 13 ރަށުގެ ތެރެއިން 3 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައެވެ. އެއީ ކ. ތުލުސްދޫ، ކ. މާފުށި އަދި ހއ. އިހަވަންދޫއެވެ. އެ ލިސްޓުގައި މޮނިޓަރިންގެ ހާލަތުގައި އެންމެ ގިނަ ދުވަސް ވެފައި ވަނީ ކ. ތުލުސްދޫއެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހެވެ.

މިދުވަސްކޮޅު މާލެއާއި އަތޮޅުތެރެއިން ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވަމުން އަންނައިރު، އިއްޔެވެސް މާލެ ސަރަހައްދުން 575 މީހަކާއި، އަތޮޅުތެރެއިން 408 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި އިއްޔެ ޖުމްލަ 1209 މީހަކު ޕޮޒިޓިވް ވިއެވެ.