ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރަމުން ދިޔަ ވަގުތުތަކުގައި ޕާޓީ ކުރެއްވި ކަމުގެ މައްސަލާގައި މަގުބޫލުކަން ގެއްލިފައި ވާ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ބަލުގައި، އެ މަގާމުން ދެން ފެނިގެންދާނީ އިންޑިއާ ދަރިކޮޅުގެ އިނގިރޭސި ޗާންސެލާ ރިޝީ ސުނާކް ކަމަށް އިންޑިއާ މީޑިއާއިން ވަކާލާތު ކުރަން ފަށައިފިއެވެ.

ބޮޑުވަޒީރު ކަމުގެ މަގާމުން ޖޯންސަން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް އިދިކޮޅު މެންބަރުންގެ އިތުރުން ވެރިކަން ހިންގާ ޕާޓީގެ އިސް މެންބަރުންވެސް ވިދާޅުވާއިރު، ޖޯންސަން ވަނީ ކުށް ކުރެވިފައި ވާ ކަމަށް އިއުތިރާފުވެވަޑައިގެންފައެވެ. ޖޯންސަންގެ މަގާމާ މެދު ގޮތެއް ނިންމުން މަޑުޖެހިފައި އޮތީ، މި ކަމާ ގުޅިގެން މިހާރު ކުރިއަށް ގެންދާ ހާއްސަ ތަހުގީގު ނިމެންދެކަށް ކަމަށް ހަބަރު ލިބެއެވެ.

"ޕާޓީގޭޓް"ގެ ވަނަމުން ނަން ދެވިފައި މި ސިޔާސީ ހާދިސާއާ ގުޅިގެން، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުން ސުނާކު ފެނިގެން ހިނގައިދާނެ ކަމުގެ ބަހުސް ކުރެވޭތާ ދުވަސްކޮޅެއްވެއްޖެއެވެ.

ލޮކްޑައުން ޕާޓީއާ ގުޅިގެން ގޯސް ހެއްދެވިފައި ވާ ކަމަށް ޖޯންސަން އިއުތިރާފްވެވަޑައިގެންނެވި މަޖިލިސް ބައްދަލުވުމަށް ސުނާކު ހާޒިރުވެވަޑައިގެންފައި ނުވާއިރު، އެއީވެސް ވެރިކަމަށް ވަޑައިގަތުމަށް ސުނާކުގެ ކިބައިގައި އޮތް ޝައުގެއްގެ ސަބަބުން ކަމަށް ވަކާލާތު ކުރެވެއެވެ.

ސުނާކު، އިނގިރޭސި ގާނޫނު ހަދާ މަޖިލީހުން އެންމެ ފުރަތަމަ ޖާގައެއް ކަށަވަރު ކުރެއްވީ 2015 ވަނަ އަހަރުއެވެ.