ޗައިނާގެ އިގުތިސޯދީ މަރުކަޒު އަދި ބައިނަލްއަގުވާމީ ވިޔަފާރި ހަބުގެ ގޮތުގައި ސިފަ ކުރަމުން އަންނަ ޝަންހާއީގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް، ރެކޯޑް އަދަދުތަކުން އިތުރު ވަމުން ދާން ފެށުމާއެކު ތަންފީޒު ކުރަން ފެށި ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް، 2 މަހެއްހާ ދުވަސް ފަހުން ލުއި ދޭން ފަށައިފިއެވެ.
ޝަންހާއީގައި ތަންފީޒު ކުރަމުންދް ދިޔަ ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދޭން ފަށާ، އެކަން ތަންފީޒު ކުރަން ފެށީ އަންގާރަ ދުވަހު، ޖީއެމްޓީގަޑިން ހަވީރު 04:00 ގައެވެ. ލުއި ދޭން ފެށުމާއެކު، ސިޓީ ތެރޭގައި މިނިވަންކަމާއެކު ހެލިފެލިވެ އުޅުމުގެ ފުރުސަތު، އެ ސިޓީގެ 25 މިލިއަނެއްހާ މީހުންނަށް ވަނީ ލިބިފައެވެ.
ކަން މިހެން އޮތް ނަމަވެސް 650000 އެއްހާ ރައްޔިތުންނަށް އަދިވެސް ގޭގައި ތިބުމަށް މަޖުބޫރުވެފައި ވާ ކަމަށް ހަބަރު ލިބެއެވެ.
2019 ވަނަ އަހަރު އެންމެ ފުރަތަމަ ޗައިނާއިން ރިޕޯޓް ކުރަން ފެށި ކޮވިޑް-19 އާ ދެކޮޅަށް އެގައުމުން މިހާރު ތަންފީޒު ކުރަމުން ދަނީ "ޒީރޯ ކޮވިޑް" ސިޔާސަތެވެ. އެހެން ކަމުން ބަލިޖެހޭ މީހުން ކަރަންޓީނަށް ނުވަތަ ހޮސްޕިޓަލަށް ދާން މަޖުބޫރުވެއެވެ. ކޮންޓެކްޓް ވާ މީހުންވެސް ކަރަންޓީނަށް ލާ އިރު، ކޭސް ފެންނަ ސަރަހައްދުތައް ލޮކްޑައުން ކުރެއެވެ.
ލޮކްޑައުންގެ ސަބަބުން ގިނަ ރައްޔިތުންތަކަކަށް އާމްދަނީގެ ދޮރު ބަންދުވެ، ކާބޯތަކެތި ހޯދަން ދަތިވުމުގެ އިތުރުން އެކަހެރިކަމުން ކުރިމަތިވި ނަފްސާނީ ތަކުލީފުތައް އިތުރު ވެގެން ދިޔައެވެ.
ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް ލުއި ދޭން ފަށާފައި ވާ އިރު، މިއަދުން ފަށައިގެން އާންމު ދަތުރުފަތުރުގެ ހިދުމަތްތައްވެސް އަލުން ފަށާނެ ކަމަށް މައުލޫމާތު ލިބެއެވެ. ވިޔަފާރިތައް އަލުން ހުޅުވާއިރު، ބޮޑެތި ފިހާރަތައް ހުޅުވާނީ 75 ކެޕޭސިޓީގައެވެ. ނަމަވެސް ސިނަމާތަކާއި ދާރުލްއާސާރުތަކުގެ އިތުރުން ޖިމްތައް އަދި ހުންނާނީ ބަންދު ކޮށްފައި ކަމަށް ހަބަރު ލިބެއެވެ.
ލޮކްޑައުންއަށް ދިއުމުގެ ކުރިން ޝަންހާއީގެ އިގުތިސޯދީ އަގު ހުރީ 600 ބިލިއަން ޑޮލަރުގައި ކަމަށް ވާއިރު، އެ އަމާޒު އަލުން އަތުލުމަށް ސިޓީއިން ވަނީ 50 ނުކުތާގެ ޕްލޭނެއް އެކުލަވާލާފައެވެ.