ކުޑަކުދިންނަށް ޖެހެމުން ދިޔަ އާދަޔާ ހިލާފު ހެޕަޓައިޓިސް ބައްޔާ ބެހޭ މުހިންމު ހޯދުމެއް، އިނގިރޭސި ރިސާޗަރުންތަކެއް ހޯދައިފިއެވެ.

ލިވާ ނުވަތަ ފުރަމެއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތި ކުރުވަމުން ދިޔަ އެ ހެޕަޓައިޓިސް ބައްޔަކީ، އާންމު 2 ވައިރަހަކާ ގުޅިފައިވާ ބައްޔެއް ކަމަށާ، ނަމަވެސް ކޮރޯނާވައިރަހާ ގުޅުމެއް ނެތް ކަމަށް، އެންމެ ފަހުގެ ހޯދުންތަކުން ވަނީ ދައްކާފައެވެ.

ގޮތް ނޭނގޭ ހެޕަޓައިޓިސް ބަލި ކަމަށް ޝައްކު ކުރެވޭ 1010 ކޭހެއް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ރެކޯޑް ކޮށްފައި ވާ އިރު، 46 ކޭހެއްގައި ޓްރާންސްޕްލާންޓަކަށްވެސް ދާން ޖެހުނު ކަމަށް މައުލޫމާތު ލިބެއެވެ. އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް، މި ބަލީގައި 22 މަރުގެ ކޭހެއްވެސް ވަނީ ރިޕޯޓް ކޮށްފައެވެ.

މި ބައްޔާ ގުޅިގެން މީގެ ކުރިން ނަޒަރިއްޔާ ބައްޓަން ކުރަމުން ގޮސްފައި ވަނީ، އެޑިނޯވައިރަހުން އާންމުކޮށް ފެންނަ ސްޕައިކްއަކަށެވެ. ނަމަވެސް ސްކޮޓްލަންޑްއާއި ލަންޑަންގައި ވަކިވަކިން، ނަމަވެސް އެއް ވަގުތެއްގައި ކުރިއަށް ގެންދިޔަ ދިރާސާތަކުން ދައްކާ ގޮތުގައި، އެޑިނޯ-އެސޯސިއޭޓަޑް ވައިރަސް 2 (އޭއޭވީ2)ގެ ދައުރު ބޮޑެވެ.

އޭއޭވީ2 އަކީ ބަލި ޖައްސާ ކަމަށް މީގެ ކުރިން އާންމު ވެފައެއް ނުވެއެވެ. އަދި އެއީ އިތުރު "އެހީތެރި" ވައިރަހަކާ ނުލާ، އަމިއްލަ ޒާތުގައި ނަކަލުވެސް ވެވޭ އެއްޗެއް ނޫނެވެ.

ލިވާއަށް ސީރިއަސް މައްސަލަތަކެއް ކުރިމަތި ކުރަމުންދާ ހެޕަޓައިޓިސް ބަލި ޖެހެމުން ދަނީ އޭއޭވީ2އާއި އެޑިނޯވައިރަހެއް ނުވަތަ ބައެއް ހާލަތްތަކުގައި ހާޕީޒް ވައިރަސް ނުވަތަ އެޗްއެޗްވީ6 އެކުވެގެން ކަމީ އެންމެ ބުރަދަން ބޮޑު ޖަވާބު ކަމަށް ދިރާސާ ކުރި 2 ޓީމުންވެސް ވަނީ ނިންމާފައެވެ.

2 ޓީމުންވެސް ވަނީ، ގޮތް ނޭނގޭ ހެޕަޓައިޓީސް ބައްޔާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް (ސާސްކޮވް-2) ނުވަތަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅުމެއް ނެތް ކަމަށް ނިންމާފައެވެ. ނަމަވެސް މި ފަހަކަށް އައިސް ހެޕަޓައިޓިސް ކޭސްތައް އިތުރުވުމުގައި، ލޮކްޑައުންގެ ދައުރެއް ވުން އެކަށީގެންވާކަމަށް ވަނީ ފާހަގަ ކޮށްފައެވެ. އެހެނީ، ލޮކްޑައުންގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށި ވުން ނުވަތަ ވައިރަސް ދައުރު ކުރާ ގޮތަށް ބަދަލު އައުން ފަދަ ސަބަބެއް މެދުވެރިވީ ކަމަށް ދިރާސާ ޓީމުތަކުން ފާހަގަ ކުރެއެވެ.

ހެޕަޓައިޓިސް ބަލީގައި އެންމެ ފުރަތަމަ ފެންނަ އަލާމާތްތަކުގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން، އެއަށްފަހު ގައިގެ ހަންގަނޑު ނުވަތަ ލޮލުގެ ހުދުބައި ރީނދޫވުން (ޖޯންޑިސް) ވެއެވެ.

ހެޕަޓައިޓިސްއަކީ ފުރަމޭ ދުޅަވުމުގެ ބައްޔެވެ. ފުރަމެއަކީ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ޕްރޮސެސް ކުރުމުގެ އިތުރުން، ލޭ ފިލްޓަރުކޮށްދީ، އިންފެކްޝަންތަކާ ދެކޮޅަށް މުހިންމު މަސައްކަތްތަކެއް ކުރާ ގުނަވަނެކެވެ. އާންމުކޮށް ހެޕަޓައިޓިސް ޖެހެނީ ވައިރަހުގެ ސަބަބުންނެވެ. ހެޕަޓައިޓިސް ޖައްސާ މައިގަނޑު ވައްތަރުގެ ވައިރަހުގެ ތެރޭގައި، ހެޕަޓައިޓިސް ވައިރަހުގެ އޭ، ބީ، ސީ، ޑީ، އީ އަދި ޖީ ހިމެނެއެވެ.