ދަސްވެނިވުމުގެ ކުރިން ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ޓެސްޓުތަކުގެ ތެރޭގައި ހިމެނޭ ފެތުމުގެ އިމްތިހާން، އޮންލައިންކޮށް ހެދުމަށް ޗައިނާގެ ޝަންހާއީ ޔުނިވާސިޓީގެ ދަރިވަރުންނަށް އެ ޔުނިވާސިޓީއިން އެންގުމާއެކު، އިންޓަނެޓްގެ ބޮޑު ޖޯކަށް އެކަން ވެއްޖެއެވެ.

ޝަންހާއީ ޔުނިވާސިޓީގެ ޑީންސް ޔުނިވާސިޓީއިން ދަރިވަރުންނަށް ފޮނުވި އިއުލާނެއްގައި ބުނެފައި ވަނީ، 50 މީޓަރު ފެތުމުގެ ޓެސްޓުގައި ބައިވެރިވާން ޖެހޭ ދަރިވަރުންނަށް، ގޭގައި ތިބެގެން އޮންލައިންކޮށް އެ ޓެސްޓު ފުރިހަމަ ކުރެވިދާނެ ކަމަށެވެ. މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ރާޅަކާއެކު، ޝަންހާއީގައި ލޮކްޑައުންގެ އަމުރު ތަންފީޒު ކުރަމުން ދާ ދަނޑިވަޅެކެވެ.

ޗައިނާގައި ގަދަހުރި ބައެއް ޔުނިވާސިޓީތަކުގައި ފެތުމުގެ ޓެސްޓު ފުރިހަމަ ކުރުމަކީ ލާޒިމު ކަމެކެވެ. އެހެނީ، ފެތުމަކީ ދިރިހުރުމަށް ކޮންމެހެން ބޭނުންވާ ހުނަރެއް ކަމަށާ، ފެތުމަކީ ހަށިގަނޑުގެ ޖިސްމާނީ ދުޅަހެޔޮކަމަށްވެސް އޮތް ހެވެއް ކަމުގައި ޗައިނާގައި ބަލާ ކަމެވެ.

ފެތުމުގެ ޓެސްޓު އޮންލައިންކޮށް ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެ، ދަރިވަރުންނަށް އިއުލާން ފޮނުވީ، ދަސްވެނިވުމުގެ ކަންކަން އޮމާންކޮށް ކުރިއަށް ގެންދިއުމަށް ކަމަށް މައުލޫމާތު ލިބެއެވެ.

ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެގެން ދިޔަ އެ އިއުލާން މިހާރު ނަގާފައި ވީ ނަމަވެސް، ބައެއް ދަރިވަރުން ވަނީ އެ އިއުލާންގެ ސްކްރީންޝޮޓްތައް ނަގާ، ހިއްސާ ކޮށްފައެވެ.

ދަރިވަރުން ޓެސްޓަށް ފަތަންވީ ގޭގެ ބާތުޓަބު ނުވަތަ ބިލިގާގައިތޯވެސް ސުވާލު ކޮށްފައިވެއެވެ. އަދި އެއީ "އިންޓަނެޓް ސާފް" ކުރުމުގެ އަސްލު ތޯވެސް ވަނީ ސުވާލު ކޮށްފައެވެ.

މެއި 29 ވަނަ ދުވަހު ކުރި އެހެން އިއުލާނެއްގައި ބުނެފައި ވަނީ ފެތުމުގެ ޓެސްޓު އޮންލައިންކޮށް ފުރިހަމަ ކުރުމުގެ ގޮތުން ދަރިވަރުން ހަދަން ޖެހޭނީ ފެތުމާއި ބެހޭ އަސާސީ ތިއަރީ އިމްތިހާނެއް ކަމަށެވެ.

ކުލާސްތަކުގެ އިތުރުން ފަތާ ފެންގަނޑު ފަދަ އެކި ފެސިލިޓީތައްވެސް ވަނީ ކޮވިޑް ލޮކްޑައުންގެ ސަބަބުން ބަންދުކޮށްފައެވެ.