މީގެ 2 އަހަރު ދުވަސް ކުރިން މުޅި ދުނިޔެ އިނދަޖައްސާލި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ޗައިނާގެ ވޫހާން ސިޓީއިން، ބަލީގެ ކޭސްތަކެއް ފެނި، ލޮކްޑައުން ކޮށްފިއެވެ.

މިއީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ވޫހާން ސިޓީ ލޮކްޑައުން ކުރި ފުރަތަމަ ފަހަރު ކަމަށް މައުލޫމާތު ލިބެއެވެ.

ހަބަރު ލިބޭ ގޮތުގައި، ލޮކްޑައުން ކޮށްފައި ވަނީ ވޫހާން ސިޓީގެ ބައެކެވެ. އެއީ ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ދިރިއުޅެމުން ދާ ޖިއާންގްޝިއާ ޑިސްޓްރިކްޓް ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. 3 ދުވަސް ވަންދެން ޑިސްޓްރިކްޓްގެ މީހުން ގޭގައި މަޑުކުރަން އަންގާފައި ވަނީ، ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތްތައް ފެންނަން ނެތް 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ޗައިނާއަކީ ކޮވިޑް-19އާ ކުރިމަތިލުމަށް "ޒީރޯ ކޮވިޑް" ގެ ނަމުގައި ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދާ ގައުމެކެވެ. އެގޮތުން މުޅި އާބާދީ ޓެސްޓު ކުރުމާއި، އެކަހެރި ވުމުގެ ހަރުކަށި ފިޔަވަޅުތައް ތަންފީޒު ކުރުމާއި، ވަކިވަކި ސަރަހައްދުތައް ލޮކްޑައުން ކުރުން ފަދަ ފިޔަވަޅުތައް ހިމެނެއެވެ. ނަތީޖާއެއްގެ ގޮތުން، ކޮވިޑްގައި ޗައިނާއިން ރިޕޯޓްކޮށްފައި ވާ މަރުގެ ކޭސްތައް، އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދެވެ.

ނަމަވެސް ޒީރޯ ކޮވިޑް ސިޔާސަތުގެ ސަބަބުން ޗައިނާގެ އާންމުންގެ މެދުގައި ވަނީ ނުތަނަވަސް ކަމާއި ރުޅިވެރިކަން އުފެދިފައެވެ. ވިޔަފާރިތަކާއި އިގުތިސޯދަށްވެސް އެ އިސްތިރާޖުގެ ނޭދެވޭ އަސަރުތައް ދަނީ ފޯރަމުންނެވެ.

ގާތްގަނޑަކަށް 12 މިލިއަނެއްހާ މީހުންގެ އާބަދީއެއް އޮންނަ ވޫހާން ސިޓީއިން އެސިމްޓޮމެޓިކް ނުވަތަ ހަށިގަނޑުގެ ބޭރު ފުށުން ބަލީގެ އަލާމާތް ނުފެންނަ 2 ކޭހެއް ކޮވިޑަށް ޕޮޒިޓިވް ވީ މީގެ 2 ދުވަސް ކުރިންނެވެ. އެއީ ގަވައިދުން ކުރިއަށް ގެންދާ ކޮވިޑް ޓެސްޓުތަކުގެ ތެރެއިންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވޫހާންވެސް ނަން ގުގުމާލީ 2020 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އޭރު އެ ސިޓީއިން ދިޔައީ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުންނެވެ. އެ ފިޔަވަޅުތަކާ މެދު މުޅި ދުނިޔެ ސިހުނު ކަމުގައި ވީ ނަމަވެސް، ހަމަ އެ ފިޔަވަޅުތައް ތަންފީޒު ކުރުމަށް އެހެން ގައުމުތަކަށް މަޖުބޫރުވި މަންޒަރުވެސް ވަނީ ފެނި ގޮސްފައެވެ.

ޗައިނާއިން ފެންމަތިވި ކޮވިޑްގެ ބަލިމަޑުކަމުގައި މުޅި ދުނިޔެ ހުއްޓުމަކަށް ގެނައެވެ. އަދި ޗައިނާއަށް ބޮޑެތި ފާޑުކިއުންތަކެއްވެސް އަމާޒުވިއެވެ. ނަމަވެސް ކޮވިޑް ކޮންޓްރޯލް ކުރުމުގައި ޗައިނާއިން ތަންފީޒު ކުރި ފިޔަވަޅުތަކާއި ހޯދި ކާމިޔާބީތަކަށް އެތައް ބަޔަކު ތައުރީފުވެސް ކުރިއެވެ.

ކޮވިޑް-19 ޖައްސާ ސާސްކޮވް-2 ގެ އަސްލު އަދިވެސް މުޅިއަކުން ކަށަވަރެއް ނުވެއެވެ. ވައިރަހުގެ އަސްލު ދެނެގަތުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން މީގެ ކުރިން ކުރިއަށް ގެންދިޔަ ތަހުގީގުތައްވެސް ކޮޅެއްގައި ޖެހިފައެއް ނުވެއެވެ.

މުޅި ދުނިޔެއަށް ފެތުރިގެން ދިޔަ ކޮވިޑްގެ ބަލިމަޑުކަމުގެ މައި މަރުކަޒަކީ ވޫހާންގެ ހުނާން ސީފުޑް މާކެޓް ކަމަށް ބާރުދޭ، ވަރުގަދަ ހެކި ލިބިފައި ވާ ކަމަށް ސައެންސްވެރިން ވަނީ މި ހަފުތާގެ ކުރީކޮޅު ބުނެފައެވެ. އެފަދަ 2 ދިރާސާއެއް އެކުލަވާލަފައި ވާ އިރު، އެތަނުން އެއް ދިރާސާ ބުނާ ގޮތުގައި، ކޮވިޑް 2 ވޭރިއަންޓަކަށް އިންސާނުން ހުށަހެޅިފައި ވަނީ ނޮވެމްބަރު ނުވަތަ ޑިސެމްބަރު 2019ގެ ކުރީކޮޅުގައެވެ.

ކޮވިޑް ޖައްސާ ވައިރަސް އުޅެމުން ދިޔައީ ހުނާން މާކެޓްގައި ވިއްކަމުން ދިޔަ ދިރޭ ޖަނަވާރުތަކުގެ މެދުގައި ކަމަށްވެސް ދިރާސާ ކުރި ފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި އެ ބާޒާރުގައި މަސައްކަތް ކުރި މީހުންނާއި ވިޔަފާރި ކުރަން ދިޔަ މީހުންގެ ހަށިގަނޑަށް ވައިރަސް ފޯރީ ކަމަށް ބުނެފައެވެ.

މިކަން އިތުރަށް ސާބިތު ކޮށްދެވިއްޖެނަމަ، ކޮވިޑް-19 އަކީ ޗައިނާގެ ލެބަކުން ލީކުވި ނުވަތަ ބަޔަކު ލީކު ކުރި ވައިރަހެއް ކަމަށް ދެކެވޭ ވާހަކަތައް ކޮންމެވެސް ކޮޅެއްގައި ޖެއްސޭނެއެވެ.

ކޮވިޑް-19އަކީ ޗައިނާގެ އިހުމާލުން މުޅި ދުނިޔެއަށް ފެތުރުނު ބަލިމަޑުކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނާ އިރު، ޗައިނާއިން އެކަމާ އިންކާރު ކުރެއެވެ. ކޮވިޑްގެ އަސްލަކީ ޗައިނާ ނޫން ކަމަށް އެ ގައުމުން ވަކާލާތު ކުރެއެވެ. ބަލީގެ ފުރަތަމަ ކޭސްތައް ފެނުނީ ޗައިނާއިން ކަމުގައި ވީ ނަމަވެސް، ވައިރަހުގެ އަސްލަކީ ޗައިނާ ނޫން ގައުމަކަށްވެސް ވެދާނެ ކަމަށް އެ ގައުމުން ދަނީ ބުނަމުންނެވެ.